އެމްޑީޕީގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އެޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އެމައްސަލަ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިސޮލިއުޝަން ޑިވިޝަނުގައި މާދަމާގެ 14:30 ހަށް ވަނީ ތާވަލުކޮށްފަަ އެވެ. ޑިސްޕިއުޓް މަރުހަލާގައި މައްސަލަ ހައްލު ނުވެއްޖެ ނަމަ ޝަރީއަތަށް މައްސަލަ ދާނެ އެވެ.

އެފަދަ މައްސަލައެއް އަލްހާން ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު، އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ވަނީ އޭނާ ޕާޓީން ވަކިކުރަން ނިންމައިފައެވެ.

އަލްހާން ފަހުމީ ޕާޓީން ވަކިކޮށްދިނުމަށް އެދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 މެމްބަރުންގެ ސޮއިއާ އެކު ޕެޓިޝަނެއް، ފިޔަވަޅު އަޅާ ކޮމިޓީއަށް ފޮނުވީ އޭނާ އެމްޑީޕީގެ އަސާސީ ގަވައިދާ ޚިލާފަށް، އެޕާޓީގެ މަސްލަހަތުތައް ގެއްލޭނެ ފަދަ ގޮތަކަށް އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ އެވެ.

ފިޔަވަޅު އަޅާ ކޮމިޓީން ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި، އެމްޑީޕީގެ ގުނަވަންތަކުން ފާސްކޮށް ނިންމައިގެން އެޕާޓީ ބައިވެރިވެފައިވާ އިއްތިހާދު ގަބޫލު ނުކުރާނެކަމަށް ކަނޑައަޅައި، އެ އިއްތިހާދާ ދެކޮޅަށް މީޑިއާއާއި ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމާއި، ޕާޓީގެ ނަމުގައި ޕްރެސް ކޮންފެރެންސް ބާއްވައި ޕާޓީގެ ނިންމުންތަކަށް ފާޑު ކިޔުމާއި، އަލްހާން ހަމަނުޖެހުންތަކެއް ހިންގިކަމަށް ބުނާ ހާދިސާތައް ހިމެނެ އެވެ.

މީގެ އިތުރުން، އަލްހާން ބައިވެރިވި ނޫސްވެރިންގެ ބައްދަލުވުމެއް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ލައިވްކޮށްފައިވާ އިރު، އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ބުނެފައި ވަނީ ޕީއެސްއެމްގެ ޓީވީއެމްއަކީ ސަރުކާރު ހިންގާ ޕާޓީތަކުގެ ޖަލްސާތަކާއި ޕްރެސްތަކާއި ހަރަކާތްތައް ގަވައިދުން ލައިވްކޮށް، ކަވަރޭޖުދޭ ޗެނަލެއް ކަމަށާއި އެހެން ނަމަވެސް އެމްޑީޕީގެ އެއްވެސް ހަރަކާތެއް ލައިވްކޮށް، ކަވަރޭޖު ހަދައިނުދޭތީ، އަލްހާން އެ ޕްރެސް ކޮންފެރެންސް ބޭއްވީ ސަރުކާރުގެ ވާގި ހޯދައިގެން، ސަރުކާރު ބޭނުންވި ވާހަކަތަކެއް ދައްކައި އެމްޑީޕީގެ މަސްލަހަތު ނަގާލަން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މިފަދަ ގިނަ ސަބަބުތަކެއް ފާހަގަކޮށް، އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައި ވަނީ އަލްހާން އެޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށެވެ.

އަލްހާން ޕާޓީން ވަކިކޮށްފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރާނެ ކަމަށް އޭނާ އިއުލާނުކޮށްފައި ވަނިކޮށެވެ.