13 Nov 2016, 15:59
މި މަހު ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ކުރިން އިއުލާނުކޮށްފައިވާ ގޮތުން، ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިއަދު މެންދުރުފަހު 2:30އަށް ހަމަވާނެ އެވެ.
އެފްއޭއެމުން މިއަދު ބުނީ، މި މަހުގެ 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ކްލަބު، ޖަމިއްޔާ ޖަމާއަތްތަކަށް އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:30އާ ހަމައަށް އެފްއޭއެމް އަށް ފޯމް ހުށަހެޅުމަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
މުބާރާތަށް ކުޅުންތެރީން ރަޖިސްޓްރީ ކުރުމުގެ މުއްދަތު ވެސް އެފްއޭއެމުން ވަނީ، 22 ނޮވެމްބަރު 2016 ވާ އަންގާރަ ދުވަހުގެ 2:30އާ ހަމައަށް ވަނީ އިތުރުކޮށްފަ އެވެ.
ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެވޭނީ މާލޭގައި ރަޖިސްޓަރީ ކޮށްފައިވާ އެފްއޭއެމް މެންބަރު ކްލަބު، ޖަމިއްޔާ ޖަމާއަތްތައް އަދި އެސޯސިއޭޓް މެންބަރު ކްލަބު، ޖަމިއްޔާ ޖަމާއަތްތަކަށެވެ.
އެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ދުވަސްތަކުގައި އެފްއޭއެމް ހައުސްއިން ލިބެން ހުންނަ އިރު، ބަންދު ދުވަސްތަކުގައި 9500104 ނަންބަރު ފޯނާ ގުޅުމުން ފޯމް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.