ނިއު ޒީލޭންޑަށް މިދިޔަ އާދީއްތަ ދުވަހު އައި 7.8 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމަށްފަހު އެ ގައުމަށް ބާރުގަދަ ދެވަނަ ބިންހެލުމަކާއެކު ވަރުގަދަ ލޮޅުންތަކެއް އަތުވެއްޖެއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއިން ބުނީ، ނިއު ޒީލެންޑަށް ފުރަތަމަ ބިންހެލުން އައީ އެގަމަށް ދަންވަރު (11:02 ޖީއެމްޓީ، އާދީއްތަ)، ސައުތު އައިލެންޑުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ކްރިސްޓްޗަރޗްއާ 95 ކިލޯމީޓަރު ދުރަށް ކަމަށެވެ.

އޭގެފަހުން 6.3 މެގްނެޓިއުޑުގެ ބާރުގަދަ ބިންހެލުމަކާއެކު އެތައް ސަތޭކަ ލޮޅުން އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެ ލޮޅުންތަކުގެ ސަބަބުން ބައެއް ހިސާބުތަކުން ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑިފައިވާއިރު، ކަމާބެހޭ އިދާރާތަކުން އަންނަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ތަކެތި ފޯރުކޮށްދެމުންނެވެ.

ބިންހެލުންތައް ދިރާސާކުރާ ނިއު ޒީލެންޑުގެ ޕްރޮޖެކްޓެއް ކަމަށްވާ ޖިއޯނެޓުން ބުނާގޮތުގައި ފުރަތަމަ ބިންހެލުން އައިސްފައިވަނީ އިތުރު ދެ ލޮޅުމެއް އައުމަށްފަހުއެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި އިތުރު ލޮޅުންތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ ސެންޓަރުން މައުލޫމާތުދެއެވެ.

ނިއު ޒީލެންޑަށް އާދީއްތަ ދުވަހު އައި ބާރުގަދަ ބިންހެލުމާއެކު ސައުތު އައިލޭންޑްގެ އިރުމަތީ އައްސޭރިފަށުގެ ޓައުނެއް ކަމަށްވާ ކައިކޫރާގެ ބިންގަނޑު ކަޑައިގެން ގޮސްފައިވާއިރު އެހާދިސާގައި ދެ މީހަކު ވަނީ މަރުވެފައެވެ. ކައިކޫރާއަކީ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށްކުރި ސަރަހައްދެވެ.

އެ ބިންހެލުމާ ގުޅިގެން ނިއު ޒީލޭންޑުގެ އައްސޭރިފަށުގެ ހުރިހާ ސަރަހައްދަކަށް ސުނާމީގެ އިންޒާރު ދީފައިވީ ނަމަވެސް ފަހުން ވަނީ، އިންޒާރު ދަށްކޮށްފައެވެ. އަދި ބިންހެލުން އައިތާ ދެގަޑިއެއްހާރު އިރު ފަހުން، ނިއު ޒީލެންޑުގެ އައްސޭރިފަށުގެ ބައެއް ހިސާބުތަކަށް ގާތްގަނޑަކަށް އަށް ފޫޓު އުސްމިނުގެ ރާޅުގެ އަސަރުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.