ކަސްޓަމަރުންތަކެއްގެ މައުލޫމާތު ހާމަކުރުމުގެ ކުށުގައި އަށް މަހާއި 12 ދުވަހަށް ޖަލަށް ލުމަށް އިއްޔެ ހުކުމް ކުރި ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމް ދޫކޮށްލުމަށް އޭނާގެ ވަކީލު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި އެދިވަޑައިގެންފި އެވެ.

ގާސިމްގެ ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރު ރޭ ކަރެކްޝަނަލް ސާވިސް އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ހައްޔަރުކުރި ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާ ހުރީ ބަންދުގައި ކަމަށެވެ.

އޭނާ އަށް ކުރި ހުކުމުގެ މުއްދަތު މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

އެ ސިޓީއާ އެކު ކްރިމިނަލް ކޯޓުން އިއްޔެ ގާސިމްގެ މައްޗަށް ކުރި ދެ ހުކުމްގެ ކޮޕީ އާއި އޭނާ ހުރީ ބަންދުގައިކަން އަންގައިދޭ ލިޔުންތައް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ ބައެއް ކަސްޓަމަރުންގެ މައުލޫމާތު ހާމަކުރީ ހެޔޮނިޔަތުގައި ކަމަށް ގާސިމް ބުނި ނަމަވެސް އެކަން އޭނާ އަށް ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

އޭނާ އާންމުކޮށްފައިވާ މައުލޫމާތަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އެންމެ ގިނައިން ޖަމާވި ކަމަށް ބުނާ އެސްއޯއެފްގެ އެކައުންޓުން ގިނަ އަދަދެއްގެ އެކައުންޓުތަކަށް އެ ފައިސާ ޖަމާކޮށްފައިވާ ގޮތުގެ ތަފްސީލެވެ.

މިކަމާ ބެހޭ ގޮތުން ކަރެކްޝަނަލް ސާވިސްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.