ވޯލްޑް ކަޕް ކޮލިފައިންގައި ޕެރޫ ބަލިކޮށް، ބްރެޒިލުން އެއް ވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ހޯދައިފި އެވެ.

ދެކުނު އެމެރިކާ ބައްރު ކޮލިފައިން ބުރުގައި ޕެރޫއާ ދެކޮޅަށް ގެރަށުން ބޭރުގައި ކުޅުނު މެޗުން ބްރެޒިލް މޮޅުވެފައި ވަނީ 2-0 ލަނޑުންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޕެރޫ ކޮޅަށް ރެނާޓޯ އޮގަސްޓޯ ކާމިޔާބުކުރި ލަނޑަށް ފަހު، ބްރެޒިލްގެ ކުޅުންތެރިން އުފާފާޅުކުރަނީ: އެ މެޗުން ބްރެޒިލް މޮޅުވީ 2-0 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކައި، ބްރެޒިލުން ޕެރޫގެ ގޯލަށް ނުރައްކާކޮށްފައިވެ އެވެ. އެގޮތުން ނޭމާ އާއި، ފިލިޕް ކުޓީނިއޯ އަދި ފެނާންޑީނިއޯ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ބްރެޒިލުން ވަނީ ލަނޑެއް ޖަހައި، ލީޑު ހޯދައިފަ އެވެ. ބްރެޒިލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޒުވާން ފޯވަޑް ގެބްރިއަލް ޖީސަސް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކުޓީނިއޯ އަތުން ގެއްލުނު ބޯޅައެއް ލިބުމާ އެކު އުފެއްދި ހަމަލާއަކުންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޕެރޫ ކޮޅަށް ރެނާޓޯ އޮގަސްޓޯ ކާމިޔާބުކުރި ލަނޑަށްފަހު، ބްރެޒިލްގެ ކުޅުންތެރިން އުފާފާޅުކުރަނީ: އެ މެޗުން ބްރެޒިލް މޮޅުވީ 2-0 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ 77 ވަނަ މިނެޓުގައި ބްރެޒިލަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ކުޓީނިއޯ ދިން ބޯޅައަކުން ނޭމާ އުފެއްދި އެ ހަމަލާ އަމާޒުވެފައި ވަނީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ މިނެޓެއް ފަހުން ބްރެޒިލުން ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ގެބްރިއަލް ޖީސަސް ދިން ބޯޅައަކުން ބްރެޒިލަށް ލީޑު ފުޅާކޮށްދިނީ ރެނާޓޯ އޮގަސްޓޯ އެވެ.

އެ ނަތީޖާއާ އެކު ކުޅުނު 12 މެޗުން ލިބުނު 27 ޕޮއިންޓާ އެކު ބްރެޒިލް އޮތީ ދެކުނު އެމެރިކާ ބައްރުގެ ތާވަލުގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް އުރުގުއާއީ އަށް 12 މެޗުން 23 ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް އިކުއެޑޯ އާއި ހަތަރު ވަނައިގައި އޮތް ޗިލީ އަށް 12 މެޗުން ލިބިފައި ވަނީ 20 ޕޮއިންޓެވެ. އިކުއެޑޯ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ފަސް ވަނައިގައި އޮތް އާޖެންޓީނާ އަށް 12 މެޗުން ލިބިފައި ވަނީ 19 ޕޮއިންޓެވެ.