ކަރީނާ ކަޕޫރު ޚާން އަކީ ބުނަން ބޭނުންވާ އެއްޗެއް އެއްވެސް ފޮރުވުމެއް ނެތި ބުނާ ފަންނާނުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ކަރީނާ އާ ސުވާލެއް ކޮށްފި ނަމަ އެ ސުވާލަކަށް ސީދާ ޖަވާބެއް ލިބޭނެ އެވެ. ކަރީނާ ބުނި އެއްޗެއްގެ މާނަ ނޭނގިގެން އުޅޭކަށް ނުޖެހޭނެ އެވެ.

ކަރީނާ ވަނީ ދާދި ފަހުން ނޭހާ ދޫޕިއާގެ ޗެޓް ޝޯވްގައި މެހެމާނެއްގެ ގޮތުން ފެނިގެން ގޮސްފަ އެވެ. ޝޯވްގައި، އޭނާގެ ދެބެންގެ ދެ ދަރި ކޮއްކޮ އަދި ހުނަރުވެރި އެކްޓަރު ރަންބީރު ކަޕޫރުގެ ކުރީގެ ދެ ލޯބިވެރިން ކަމުގައިވާ ދީޕިކާ ޕަދުކޯން އަދި ކެޓްރީނާ ކައިފް އާ ދެމީހުންގެ ތެރެއިން ކަރީނާ އަށް އެކްޓަރުންގެ ގޮތުން ބޮޑަށް ކަމުދަނީ ކޮން ފަންނާނެއްތޯ ވަނީ ސުވާލު ކޮށްފަ އެވެ.

ނޭހާގެ ސުވާލަށް ޖަވާބު ދެމުން 'ބަޖްރަންގީ ބާއިޖާން'ގެ ތަރި ބުނެފައި ވަނީ އެއީ އެއްވެސް ވަރަކަށް ސުވާލު އުފައްދަން ޖެހޭ ކަމެއް ނޫން ކަމަށާއި މޮޅު އެކްޓަރަކީ ދީޕިކާ ކަމަށެވެ.

ސުވާލަށް ޖަވާބު ދިނުމަށް ކަރީނާ އަށް ވިސްނާލަން ވެސް ވަގުތު ކޮޅެއް ބޭނުން ނުވި އިރު، ކަރީނާ ބުނީ އެއީ ދީޕިކާ އާ ކެޓްރީނާ އަޅާނުކިޔޭނެ ކަމަށެވެ.

ރަންބީރާއި ކެޓްރީނާ ވަކިވުމުގެ ކުރިން ކަރީނާ ވަނީ ދެމީހުން ކައިވެނިކޮށްގެން ދިރިއުޅުމެއް ފަށަން އޭނާ ބޭނުން ކަމަށް ބުނެފަ އެވެ.