ޖިނާއީ އިޖުރާއަތާ ބެހޭ ގާނޫނަށް އަމަލުކުރުން ފަސްކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަނެ، އެ އިސްލާހު ދިރާސާކުރުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

ޖިނާއީ އިޖުރާއަތާ ބެހޭ ގާނޫނަށް އަމަލުކުރުން ފަސްކުރުމަށް އެދި ސަރުކާރުގެ ފަރާތުން މަޖިލީހަށް އިސްލާހު ހުށަހެޅީ، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ.

އެ އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައި ވަނީ، ވޯޓުގައި ބައިވެރިވި 67 މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ ތާއީދާ އެކުގަ އެވެ. އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 26 މެމްބަރުންނެވެ.

ޖިނާއީ އިޖުރާއަތާ ބެހޭ ގާނޫނު މިއަހަރުގެ އޭޕްރިލް މަހު ފާސްކޮށް، މެއި މަހު ތަސްދީގުކުރި އިރު، ގާނޫނުގައި ބުނެފައި ވަނީ އެއަށް އަމަލުކުރަން ޖެހޭނީ ފާސްކުރާތާ އަށް މަސް ދުވަސް ފަހުން ކަމަށެވެ. އެގޮތުން، އެ ގާނޫނަށް އަމަލުކުރަން ފަށާން ޖެހޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ.

އެހެން ނަމަވެސް ސަރުކާރުން ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ، އެ ގާނޫނަށް އަމަލުކުރުމުގެ ކުރިން ކުރަން ޖެހޭ ގިނަ ކަންކަން ނުކޮށް ހުރުމާ އެކު، ތައްޔާރުވުމަށް ޓަކައި އިތުރު ހަ މަސް ދުވަސް ބޭނުންވާ ކަމަށެވެ. އިސްލާހުގައި ހުށަހަޅާފައި ވަނީ 2017 ޖުލައި 17 އަށް ތާރީޚު ފަސްކުރުމަށެވެ.

އެ ބިލުގެ ބަހުސް މިއަދު މަޖިލީހުގައި ކުރިޔަށް ގެންދިޔަ އިރު، ސަރުކާރު ހިންގާ ޕީޕީއެމްގެ މައުމޫން ފެކްޝަންގެ ނައިބު ރައީސް ވަނީ، އިސްލާހު ސަރުކާރުން ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލަނޑެއް ދިނުމަށް ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަ ދައްކަވައިފަ އެވެ.

އެގޮތުން، ޕީޕީއެމްގެ މެމްބަރުން އެ ބިލް ފާސްކޮށްފި ނަމަ އެއީ އަމިއްލަ ކަރުގައި ހިފުން ފަދަ ކަމެއް ކަމަށް ވަހީދު ވިދާޅުވި އެވެ.