18 Nov 2016, 14:45
ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ރަޝިޔާ ވަކިވުމާއެކު ފިލިޕީންސްވެސް އެކޯޓުގެ މެންބަރުކަމުން ވަކިވަނީ
މެނީލާ (ނޮވެމްބަރު 18) : އިންސާނީ ހައްގުތަކާ ޚިލާފު ބޮޑެތި ޖަރީމާތައް ހިންގާ ފަރާތްތައް އަދާލަތަށް ހާޒިރުކޮށް އެފަރާތްތަކަށް ހައްގު އަދަބު ދިނުމަށް އުފައްދާފައިވާ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުއާހަދާއިން ވަކިވުމަށް ރަޝިޔާ އިއްޔެ ނިންމާފައިވާއިރު އެ މުއާހަދާއިން ވަކިވާން ގަސްދުކުރާކަން ފިލިޕީންސުންވެސް ހާމަކޮށްފިއެވެ.
ފިލިޕީންސްގެ ރައީސް ރޮގްރިގޯ ޑުޓާޓޭ ވިދާޅުވީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) އަކީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ ނަމުގައި ހަމައެކަނި ކުދި ގައުމުތަކުގެ ލީޑަރުންނަށް އަދަބުދޭ ކޯޓަކަށްވެފައި ބޮޑެތި ބާރުތަކުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ޙާޒިރު ކުރުމަކީ އެކޯޓުން ކުރަންއުޅޭ ކަމެއްނޫންކަމުން އެކޯޓުގެ މުއާހަދާއިން ވަކިވުމާމެދު އޭނާގެ ގައުމު ވިސްނަމުންދާކަމުގައެވެ.
ޕެރޫގެ ވެރިރަށް ލީމާއަށް ކުރައްވާ ދަތުރުފުޅެއްގައި މެނީލާއިން ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނެއްގައި ޑުޓާޓޭ ވިދާޅުވީ ބޮޑެތި ބާރުތަކުން އަފްޣާނިސްތާނާއި ސޫރިޔާއާއި އިރާގަށް ބޮންއަޅައި ކޮންމެދުވަހަކު އަންހެނުންނާއި ކުޑަކުދިން ޑަޒަން ޑަޒަނަށް މަރަމުންގެންދާ ބިރުވެރި ހިތާމަވެރި މަންޒަރު ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) އަށް ނުފެންނަ ކަމަށާ ނަމަވެސް ކުޑަގައުމަކުން ކުރާ ކޮންމެ ކަމަކަށް އެކޯޓުން ލޯއަޅައިގެން އޮންނަ ކަމުގައެވެ.

ޕޫޓިން
ޑުޓާޓޭއަކީ އެމެރިކާ ދުނިޔޭގެ ކަންކޮޅުތަކަށް އަތްގަދަ ކުރުމަށް ހިންގާ އަނިޔާވެރިކަމާ އަދި އިންޕީރިއަލިޒަމާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި މިހާރު ވާހަކަ ދައްކަވާ ހަމައެކަނި ލީޑަރުކަމަށް ރިޕޯޓްތަކުގައި ސިފަކޮށްފައިވެއެވެ.
ޑުޓޭޓޭވަނީ އޭނާގެ ވެރިކަން ނިމުމުގެ ކުރިން ފިލިޕީންސުން އެމެރިކާގެ އަސްކަރީ ބާރުތައް ބޭރުކޮށްލައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާއަކީ ނުބައި ގައުމެއް (ރޫގް ނޭޝަން) އެއްކަމަށް ސިފަކޮށް އެމެރިކާގެ ބަދަލުގައި ޗައިނާއާއި ރަޝިޔާއާ ގުޅުންތައް ބަދަހިކުރަން ފިލިޕީންސުން މަސައްކަތް ކުރަމުން ގެންދާކަންވެސް ޑުޓާޓޭ ވަނީ ހާމަކުރައްވާފައެވެ.
އެމެރިކާއިން އަފްޣާނިސްތާނާއި ސޫރިޔާއާއި އިރާގަށް ބޮންއަޅައި ކޮންމެދުވަހަކު އަންހެނުންނާއި ކުޑަކުދިން މަރަމުން ގެންދިޔަނަމަވެސް އެމެރިކާވަނީ ފިލިޕީންސްގެ ރައީސް ޑުޓާޓޭ އެގައުމުގެ ޑްރަގް ލޯޑުންނާ ދެކޮޅަށް ކުރައްވާ ހަނގުރާމައަކީ އިންސާނީ ހައްގުތަކާ ޚިލާފު އަމަލެއްކަމަށް ސިފަކޮށް ޑުޓާޓޭ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ބައިނަލްއަގްވާމީ ޖިނާއީ ކޯޓަކީ ހަމައެކަނި ކުދި ގައުމުތަކުގެ ލީޑަރުންނަށް އަދަބުދޭ ކޯޓަކަށްވެފައި ބޮޑެތި ބާރުތަކުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ޙާޒިރު ކުރުމުގެ ގާބިލްކަން ނެތް ކޯޓަކަށްވާތީ އެފްރިކާގެ ތިން ގައުމެއްވެސް ދާދިފަހުންވަނީ އެކޯޓުގެ މުއާހަދާއިން ވަކިވެފައެވެ.
މީގެތެރޭގައި ހިމެނެނީ ގެންބިޔާ، ބުރުންޑީ އަދި ދެކުނު އެފްރިކާއެވެ. އަދި ފިލިޕީންސްގެ އިތުރުން އެފްރިކާގެ އެހެން ތިން ގައުމެއްކަމަށްވާ ކެންޔާއާއި މޮޒަންބީކް އާއި ނެމީބިޔާއިންވެސްވަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުއާހަދާއިން ވަކިވުމާމެދު ވިސްނަމުންދާކަން ހާމަކޮށްފައެވެ. އަދި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިންވަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުއާހަދާއިން ރަޝިޔާ ވަކިވުމާބެހޭ ރިޔާސީ އަމުރެއްގައި އިއްޔެ ސޮއިކުރައްވާފައެވެ.
ގާނޫނުން ބޭރުގައި ދުނިޔޭގައި އެންމެ ގިނައިން މީހުން މަރާގައުމުކަމަށް ސިފަކުރެވޭ އެމެރިކާއަކީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުއާހަދާގައި ސޮއިކުރުމަށް ދެކޮޅު ހަދާ ގައުމެކެވެ. އެއީ އެމެރިކާގެ ވެރިންނާއި ސިފައިން އެކޯޓުގެ ކުރިމައްޗަށް ހާޒިރުކޮށްފާނެ ކަމުގެ ބިރު އޮތުމުންކަމަށްވަނީ ބެލެވިފައެވެ. ނަމަވެސް އެމެރިކާ ގެންދަނީ އެފްރިކާގެ ބައެއް ގައުމުތަކުގެ ލީޑަރުންނާއި އެނޫންވެސް ކުދިގައުމުތަކުގެ ލީޑަރުން އެކޯޓަށް ޙާޒިރު ކުރުމަށް ބައިނަލްއަގްވާމީ މަހްފަލްތަކުގައި ވަކާލާތުކޮށް އެކަމަށް ބާރުއަޅަމުންނެވެ.
ދަ ހޭގްގައި ހުންނަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަކީ 1998 ގައި އެކުލަވާލި ރޯމް ކޮންވެންޝަންގެ ދަށުން އުފައްދާފައިވާ ކޯޓެކެވެ. އެކޯޓުގެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމުތަކުގެ އަދަދަކީ 124 އެވެ. އެ މުއާހަދާއިން މިހާތަނަށް 9 ގައުމެއް ވަކިވެފައިވާއިރު ގިނަ ގައުމުތަކަކުން އެ މުއާހަދާއިން ވަކިވެއްޖެނަމަ ރޯމް މުއާހަދާ ރޫޅި ބައިނަލްއަގްވާމީ ޖިނާއީ ކޯޓު އުވިގެންދާނެއެވެ. (ނޫސްއެޖެންސީތައް)