ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާއިލް މުފްތީ މެންކް ދެއްވަން ހަމަޖައްސާފައިވާ ތަގުރީރު އިސްލާމީ މަރުކަޒު ނަމާދު ކުރާ ބަޔަށް ބަދަލުކޮށްފި އެވެ.

އިސްލާމީ މަރުކަޒުގެ ބޭރު ހޯލުގައި މިރޭ ބޭއްވުމަށް ހަމަޖައްސާފައިވާ މެންކުގެ ތަގުރީރު މަރުކަޒުގެ އެތެރެއަށް ބަދަލުކުރަން ހަމަޖެއްސީ މޫސުމާ ބެހޭ އިދާރާއިން މިރޭ ވާރޭ ވެހޭނެ ކަމަށް ލަފާ ކޮށްފައިވާތީ ކަމަށް އެކަން އިންތިޒާމު ކުރާ ފަރާތުން ބުނެ އެވެ.

ޖަމްއިއްޔަތުއް ރަހުމާ އިން އިންތިޒާމް ކޮށްގެން މިރޭ 9:00ގައި ބާއްވާ އިލްމުޓޯކް ޕްރޮގްރާމުގެ ދަށުން ބާއްވާ މެންކުގެ ތަގުރީރު އިސްލާމީ މަރުކަޒުގެ ތެރެއަށް ބަދަލުކޮށްފައިވާ އިރު، އަންހެން ބޭފުޅުންނަށް ވެސް އެ ތަގުރީރު އަޑު އެހުމަށް ވަކިން އިންތިޒާމު ހަމަޖައްސާނެ ކަމަށް އެ ޖަމިއްޔާގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވި އެވެ.

މުފްތީ މެންކް މިރޭ ތަގުރީރު ކުުރައްވާނީ "އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އޮންނަ ހައްގުތަކާ" ބެހޭ ގޮތުންނެވެ.

އިލްމުޓޯކްގައި ބައިވެރިވެ ވަޑައިގަތުމަށް މުފްތީ މެންކް ރާއްޖެ ވަޑައިގެންނެވީ އިއްޔެ އެވެ. އޭނާ ވަނީ އިސްލާމީ މަރުކަޒުގައި މިއަދުގެ ހުކުރު ހުތުބާ ވެސް ދެއްވާފަ އެވެ.

މިއަހަރުގެ އިލްމު ޓޯކް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުންނާއި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ އިތުރުން މޯލްޑިވިއަން ޔޫތު ލީގު ގުޅިގެންނެވެ.