18 Nov 2016, 22:11
ސައިކަލު ޓެކްސީގެ ގަވާއިދު މިހާރު އޮތް ގޮތުން އެ ހިދުމަތް ފަށަން އިކޮނަމިކް މިނިސްޓްރީން ބޭނުންވާ މުއްދަތުގައި އެކަން ފެށުމަކީ ރައީޑް މޯލްޑިވްސްއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރައިޑް މޯލްޑިވްސްއަކީ ސައިކަލް ޓެކްސީގެ ހިދުމަތް ދިނުމަށް ހަވާލު ކުރި ދެ ކުންފުނީގެ ތެރެއިން އެއް ކުންފުންޏެކެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސައިކަލް ޓެކްސީގެ ގަވާއިދު މިހާރު އޮތް ގޮތުން އެ ހިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"މި މައިގަނޑު ކަންބޮޑުވުން މި ކުންފުނީގެ ފަރާތުން ވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ވަރަށް ތަފްސީލުކޮށް ލިޔުމުން ހުށަހަޅާފަ އެވެ. އަދި މިކަންކަން ވާނީ މިނިސޓްރީގެ ކަމާ ގުޅުންހުރި އިސްބޭފުޅުންނާ ބައްދަލުކޮށް ހިއްސާކޮށްފަ އެވެ،" ރައިޑް މޯލްޑިވްސްގެ ބަޔާނުގައިވެ އެވެ.
އެ ކުންފުނީގެ ބަޔާނުގައި ބުނެފައި ވަނީ ރައިޑުން އަބަދުވެސް އިސްކަން ދޭނީ ހިދުމަތުގެރައްކާތެރިކަމާއި ފަސޭހަކަމާ އެކު ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އެ ދެ ކަންތައް ޔަގީން ނުކުރެވޭ ގޮތަށް މިކުންފުނީގެ ފަރާތުން ހިދުމަތް ދޭން ނުފަށާނެކަން ރައްޔިތުންނަށް ޔަގީންކަން އަރުވާ ކަަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"މުސްތަގްބަލުގައި ސަރުކާރުން މި ގަވާއިދަށް ބަދަލު ގެނެސް އަޅުގަނޑުމެންގެ ޑްރައިވަރުންނާއި މި ހިދުމަތް ބޭނުންކުރާނެ ފަސިންޖަރުންގެ ރައްކާތެރިކަން ޔަގީންވެއްޖެނަމަ މި ހިދުމަތް ފަށަން މި ކުންފިން ތައްޔާރަށް އޮތްކަން ފާހަގަ ކުރަމެވެ. އަދި މި ގަވާއިދަށް ގެންނަންޖެހޭ ބަދަކޔތައް ގެނައުމަށް ސަރުކާރާ އެކު މަސައްކަތް ކުރުމަށް މި ކުންފުނިން އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން އަރުވަމެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.
ސައިކަލް ޓެކްސީގެ ގަވާއިދުގައި ހުރި ކަންބޮޑުވުންތަކުގެ ތަފްސީލެއް ރައިޑުގެ ބަޔާނުގައި ފާހަގަކޮށްފައެއް ނުވެ އެވެ. އަދި ސައިކަލް ޓެކްސީގެ "ރައްކާތެރިކަމާއި ފަސޭހަކަން" ޔަގީން ނުކުރެވޭ ކަމަށް ފާހަގަކޮށްފައިވާ ގަވާއިދުގެ މާއްދާތަކުގެ ތަފްސީލެއް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައެއް ނުވެ އެވެ.