22 Nov 2016, 18:19
ރާއްޖެއާއި އިންޑިއާގެ ވިޔަފާރިވެރިންގެ ކާމިޔާބު ބައްދަލުވުންތަކަކާ އެކު، ނިއުދިއްލީގައި މިއަދު ކުރިއަށް ދިޔަ ތިންވަނަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް ނިންމާލައިފި އެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ޓާޖް ޕެލެސް ހޮޓެލްގައި މިއަދު ބޭއްވި މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް 2016 އިންތިޒާމުކުރީ ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި، އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމިއްޔާ، ފެޑަރޭޝަން އޮފް އިންޑިއަން ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ފިކީ)އާ ގުޅިގެންނެވެ.
ތާޖު ޕެލެސް ހޮޓެލްގެ ޖަލްސާކުރާ ތިން މާލަމެއްގައި އިންވެސްޓްމެންޓް ފޯރަމް ކުރިޔަށް ގެންދިޔަ އިރު، ފޯރަމްގެ ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވި ދިވެހި އަދި އިންޑިއާ ކުންފުނިތަކުން ވަނީ ސްޓޯލްތަކުގައި، ފޯރަމަށް ޒިޔާރަތް ކުރި ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ ދާއިރާތަކުގެ މައުލޫމާތު ހިއްސާ ކޮށްފަ އެވެ.

ނިއު ދިއްލީގެ ތާޖު ޕެލަސް ހޮޓަލުގައި ކުރިއަށްދާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު މާހިލް
ފޯރަމްގެ ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވި ކުންފުނިތަކުގެ ތެރޭގައި އުރީދޫ، ދިރާގު، އެސްޓީއޯ، އެޗްޑީސީ، މޯހަން މުތާ، އެމްއޭސީއެލް، ބޭންކް އޮފް މޯލްޑިވްސް، އެމްޑަބްލިއުއެސްސީ، މޯލްޑިވިއަން، އެމްޕީއެލް، ސްޓޭޓް ބޭންކް އޮފް އިންޑިއާ އަދި ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން ކޮމްޕެނީ ހިމެނެއެވެ. މީގެ އިތުރުންވެސް ރާއްޖޭގެ ބައެއް ނަން މަޝްހޫރު ކުންފުނިތަކުގެ އިސްވެރިން ފޯރަމަށް ޒިޔާރަތްކޮށް، އިންޑިއާގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވިއެވެ.
އޭގެ ތެރޭގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް، އެލިއާ އަދި އަމީން ކޮންސްޓްރަކްޝަންގެ އިތުރުން މެގަ މޯލްޑިވްސް ހިމެނެއެވެ. އަދި ހަމަ އެއާ އެކު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ބޭއްވި ސޮފްޓްވެއާ އަދި އެޕްލިކޭޝަން ހެދުމުގެ މުބާރާތުން އެންމެ ރަނގަޅު ހަތަރު އެޕްއެއް އުފެއްދި ޑިވެލޮޕަރުން، މިނިސްޓްރީގެ ސްޕޮންސާޝިޕްގެ ދަށުން އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވިއެވެ.
ފޯރަމާ ގުޅޭގޮތުން މީޑިއާއާ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މި ފޯރަމްގެ ސަބަބުން އިންޑިއާގެ ވިޔަފާރިވެރިންގެ ލޯތައް ކުރިއަށް ވުރެ އިތުރަށް ހުޅުވިގެން ދާނެ ކަމަށެވެ
"ވަރަށް ޕޮޒިޓިވް ރާއްޖެއާ ދޭތެރޭގައި. އެންމެ ބޮޑު ޔަގީންކަމަކީ ރައީސް ޔާމީން ގެންގުޅުއްވާ އިގްތިސާދީ ހަރުދަނާ ސިޔާސަތު. ވަރަށް ގިނަ ފަރާތްތަކުން ހާމަކުރޭ ރާއްޖޭގައި މިހާރު އެބަހުއްޓޭ ތިމަންނަމެން ގަބޫލުކުރާ ކަހަލަ ސިސްޓަމެއް. މި ވާހަކަ އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަކުރެވެނީ. ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތު ބޭރު ދުނިޔެއިން ބަލައިގެންފި،"

މިނިސްޓަރު ސައީދު: ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގެ ސަބަބުން އިންޑިއާގެ ވިޔަފާރިވެރިންގެ ލޯތައް ކުރިއަށް ވުރެ އިތުރަށް ހުޅުވިގެން ދާނެ ކަމަށް ވިދާޅުވި-- ސަން ފޮޓޯ/ މާހިލް މުހައްމަދު
ސައީދު ވިދާޅުވީ މި ފޯރަމްގެ ތެރެއިން ރާއްޖެ، ޑެސްޓިނޭޝަނެއްގެ ގޮތުގައި މާކެޓު ކުރެވޭ އިރު، ޓުއަރިޒަމް ނޫން ދާއިރާތަކުން އިންވެސްޓު ކުރުމުގެ ފުރުސަތު ވެސް ހުޅުވިގެންދާ ކަމަށެވެ. އަދި ފޯރަމްގެ ސަބަބުން ބޭރުގެ ފަރާތްތަކަށް ރާއްޖެއާ މެދު އިތުބަޜު ބޮޑުވާ ކަމަށާއި، އެކަމުގެ ހިތްހަމަޖެހުން ލިބޭ ކަމާށް މިނިސްޓަރު ވިދާޅުވިއެވެ. މިއަހަރުގެ އިންވެސްޓްމެންޓް ފޯރަމް އިންޑިއާގައި ނިންމާލާފައިވާ އިރު، އަންނަ އަހަރު މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ޤަތަރުގެ ވެރިރަށް ދޯހާގައެވެ.