23 Nov 2016, 14:50
ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާގެ ހުކުމް އިއްވުން އަންނަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.
ހުކުމް އިއްވުން ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހަށް ތާވަލްކުރިކަން ގާޒީ އަހުމަދު ޝަކީލް އިއުލާން ކުރެއްވީ މިއަދު ބޭއްވި އެ މައްސަލައިގެ އެންމެ ފަހު އަޑުއެހުމުގައެވެ.
އެ ދެ މީހުންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ މުލީއާގެ ސަރަހައްދުން އައިއީޑީއެއް ފެނުމާ ގުޅިގެން އެ އައިއީޑީ ނުގޮވާގޮތަށް ހެދުމަށް މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވި ވަގުތު، އެ ސަރަހައްދުން މީހަކު ހައްޔަރުކުރުމަށް ހުރަސްއެޅި ކަމަށް ބުނެއެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހަށް ބަލާއިރު، ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ވިސާމާއި ލީވާން ގަސްތުގައި ހުރަސްއަޅާފައިވާކަން ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ މިންވަރަށް ޝަރީއަތަށް ސާބިތުވާނެ ކަމަށެވެ.
ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ވިސާމާއި ލީވާންގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ، ދައުލަތުން ހުށަހެޅި ހަތަރު ހެކީންގެ ހެކިބަހުގައި ވެސް ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުކޮށްދެވިފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ހަސީން ވިދާޅުވިއެވެ.
ފުލުހެއްގެ ގައިގައި އަތްލި ކަމަށް ބުނެ ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފައެވެ. އަދި ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރި ކަމަށް ބުނެ ވިސާމްގެ މައްޗަށް ވަނީ އިތުރު ދައުވާއެއް ވެސް އުފުލައިފައެވެ.
ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ވެސް ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި ކަމަށް ބުނެ ދައުވާ އުފުލައިފައެވެ.