24 Nov 2016, 08:59
ޖޯން އަބްރަހަމް އަދި ސޮނާކްޝީ ސިންހާ އެކުގައި ފެނިގެންދާ އެކްޝަން ފިލްމް 'ފޯސް 2' އަށް ބޮކްސް އޮފީހުގައި އެކަށީގެންވާ ތަރުހީބެއް ނުލިބި، ފިލްމު ފްލޮޕްވުމާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.
އިންޑިއާގެ ފައިސާގެ ގޮތުގައި ބޭނުން ކުރަމުން އައި 1000 އަދި 500 ރުޕީޒްގެ ނޫޓުތައް އުވާލުމާ ގުޅިގެން، އެކަމުގެ އަސަރު ފިލްމުތަކަށް އަންނަނީ ކުރަމުންނެވެ.
ފައިސާގެ މައްސަލަ ވެސް މަޑުމަޑުން ނަމަވެސް ހަމައަކަށް އެޅެމުން އަންނަ އިރު، 'ފޯސް 2' ގެ ވިޔަފާރި ވެސް ރަނގަޅު ވާނެ ކަމަށް ކުރިން ވަނީ ލަފާކޮށްފައެވެ. އެއީ ފިލްމު ރިލީޒް ކުރި ހަފްތާ ބަންދުގައި ފިލްމުގެ އާމްދަނީ ދުވަހެއް ދުވަހަކަށް މައްޗަށް ދިއުމާ ގުޅިގެންނެވެ.
ނަމަވެސް ހޯމަ ދުވަހުން ފެށިގެން ފިލްމަށް ލިބެމުން އަންނަ ތަރުހީބު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.
ޓްރޭޑް އެނަލިސްޓުން ހާމަކޮށްފައިވާ ގޮތުގައި އަންގާރަ ދުވަހު އެ ފިލްމަށް ލިވިފައި ވަނީ އެންމެ 2.5 ކުރޯޑު ރުޕީޒް އެވެ. އަދި އަންގާރަ ދުވަހާ ހަމައަށް އެ ފިލްމަށް ލިބިފައި ވަނީ ޖުމްލަ 25.55 ކުރޯޑު ރުޕީޒް އެވެ.
ފިލްމަކީ ފްލޮޕް ފިލްމަކަށް ނުވާނީ ޖުމްލަ 45 ކުރޯޑުގެ އާމްދަނީ އެއް ލިބިގެންނެވެ. ނަމަވެސް ފިލްމުގެ ވިޔަފާރިއަށް ބަލާއިރު، އެ ފިލްމަށް 40 ކުރޯޑުގެ އާމްދަނީއެއް ހޯދޭނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
މީގެ ފަސް އަހަރު ކުރިން ރިލީޒް ކުރި 'ފޯސް'ގެ ފުރަތަމަ ފިލްމަށް ވެސް ލިބިފައި ވަނީ ޖުމްލަ 29 ކުރޯޑު ރުޕީޒް އެވެ.