ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ހެލްތް އެންޑް މެޑިކަލް އެކްސްޕޯ މިއަދު ހެނދުނު 10 ޖެހިއިރު ފަށައިގެން ކުރިއަށް ދާއިރު އޭޑީކޭގެ ހާއްސަ ބަލިތައް ބައްލަވާ ޑޮކްޓަރުންނާ ބައްދަލުކޮށް ބަލިތަކާ ބެހޭގޮތުން ވާހަކަ ދައްކާލުމުގެ ފުރުސަތު އެބައޮތެވެ.

މުޅިއެކު 16 ސްޓޯލެއް އެކްސްޕޯގައި ހުރި އިރު މެއިން ސްޕޮންސާ އޭޑީކޭއިން ވަނީ ސިއްހީ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ހާއްސަ ކަންތައްތަކެއް އިންތިޒާމުކޮށްފައެވެ.

އޭޑީކޭގެ އިތުރުން ދެން އެކްސްޕޯގައި އިންޑިއާގެ ގިނަ ހޮސްޕިޓަލް ތަކަކާއި އައިޖީއެމްއެޗް އަދި ހެލްތް މިނިސްޓްރީންވެސް ވަނީ ސްޓޯލެއް ބަހައްޓާފައެވެ.

މިއަދު އެކްސްޕޯ ހުޅުވުމަށް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ހަބީބް ވިދާޅުވީ، މިއަދު ފެށިގެން މިދާ އެކްސްޕޯގެ ސަބަބުން ރާއްޖޭގައި ސިއްހީ ދާއިރާއަށް މީހުންގެ މެދުގައި އޮތް އިތުބާރު ބޮޑުވެ، ސިއްހީ ހިދުމަތްތައް އިތުރަށް ފުޅާވެގެން ދިއުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

މިއަދު އެކްސްޕޯ ހުޅުވުމަށް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ// ފަޔާޒު މޫސާ

އޭޑީކޭގެ ސްޓޯލުގައި ހާއްސަ ޑޮކްޓަރުންނާ ވާހަކަ ދައްކާލެވޭގޮތަށް އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށް އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވި އެވެ. އެގޮތުން ބަލިތަކާ ބެހޭގޮތުން ޑޮކްޓަރުންގެ މައުލޫމާތު ބޭނުންފުޅުވާނަމަ އެކްސްޕޯއަށް ޒިޔާރަތްކޮށްލުމަށް އެ މައުލޫމާތު ލިބިގެންދާނެ ކަމަށް އައްފާލް ވިދާޅުވި އެވެ.

އޭގެތެރޭގައި އޭޑީކޭގެ އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި، ހަމުގެ އަދި ނާރުގެ ހާއްސަ ޑޮކްޓަރުންގެ އިތުރުން ޑައިޓިޝަނުންވެސް މައުލޫމާތު ދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ އެކުވެރި މާހައުލެއްގައި ޑޮކްޓަރުންނާ ވާހަކަދައްލާން ރަނގަޅު ފުރުސަތަކަށް ވެގެންދާނެ ކަމަށް އެކްސްޕޯ އިންތިޒާމު ކުރި އެމްވީ މެޑިކަލްސްއިން ބުނެ އެވެ.

މެޑިކަލް އެކްސްޕޯ މިއަދު އަދި ހޮނިހިރު ދުވަހު ހެނދުނު 10:00 ން ރޭގަނޑު 10:00 ށް ހުޅުވިފައި ހުންނާނެ ކަމަށް އެމްވީ މެޑިކަލްސްއިން ބުންޏެވެ. އަދި ހުކުރުދުވަހު ހަވީރު 3:00ން ރޭގަނޑު 10:00ށް ވެސް އެކްސްޕޯ ހުޅުވިފައި ހުންނާނެ ކަމަށް ބުންޏެވެ.