24 Nov 2016, 18:11
ރާއްޖޭގައި ކުޑަކުދިން ޑޮކްޓަރަށް ދައްކާ އާންމު މައްސަލައަކަށް ވެފައި އޮންނަނީ ނުކެއުމެވެ. ނުވަތަ ކާންދޭން އުނދަގޫ ވުމެވެ. ކުއްޖާ ބޮޑުވަމުން އަންނަ ވަރަކަށް ހިކުމާއި ބަރުދަނަށް ބަދަލަ ނައުމަކީވެސް ބެލެނިވެރިން ފާހަގަކުރާ މައްސަލަތަކެވެ. ރާއްޖޭގައި މިހާރު ހުރި ޕޭރެންޓުންގެ އެންމެ މަގްބޫލު ޑޮކްޓަރު އަބްދުﷲ ނިޔާފު ވެސް ވިދާޅުވީ ކުޑަކުދިންގެ ކެއުމުގެ މައްސަލަތަކާ ބެހޭ ގޮތުން ޑޮކްޓަރަށް ދައްކަން އަންނަ ބެލެނިވެރިން ގިނަ ކަމަށެވެ.
ނިޔާފް ވިދާޅުވީ އޭޑީކޭގައި ކުޑަކުދިންގެ އޯޕީޑީއަށް ޑޮކްޓަރަށް ދައްކަން ދާ މީހުން އެންމެ ގިނައިން ސުވާލު ކުރަނީ ދަރިފުޅު ނުކާތީ އެކަމަށް ހައްލެއް ހޯދާނެ ގޮތްތަކާ ބެހޭގޮތުން ކަމަށެވެ. އަދި ކާންދިނުމުގައި ދިމާވާ މައްސަލަތަކާއި "ހެދިބޮޑުވުމުގައި ރީތިކޮށް ބޮޑު ނުވާތީ ބަރު ނުވާތީ" އެކަމަށް ހައްލު ހޯދުމަށްވެސް ގިނަ ސުވާލުތަކެއް ކުރާ ކަމަށް ނިޔާފް ވިދާޅުވި އެވެ.
ހަމަސް ނުފުރެނިސް ކާން ނުދީ، ކުދިން ކެއުމަށް ނަފްރަތު ކުރާނެ
ބެލެނިވެރިން ކައިރިން ކާންދޭ ގޮތާއި ކާންދިނުމުގައި ބޭނުން ކުރާ ކަންތައްތަކާއި ބެހޭ ގޮތުން ސުވާލު ކުރުމުން ތަކުރާރުކޮށް އެތައް މައްސަލައެއް ފާހަގަވާ ކަމަށް ނިޔާފް ވިދާޅުވި އެވެ. "ހަމަސް ފުރުނީމައޭ ކާންދޭންވީ" އެހެން ބުނާ އަޑު ނީވޭ ބަޔަކު ރާއްޖޭގައި ނުތިބޭނެ ކަމަށް ނިޔާފް ވިދާޅުވި އެވެ. ނަމަވެސް ބަސް ނާހާ އުސޫލުން އެބަސް ނާހާ ބެލެނިވެރިން ވަރަށް ގިނަ ކަމަށް ނިޔާފް ވިދާޅުވި އެވެ.
"ރާއްޖޭގެ އާބާދީގައި 60 ޕަސެންޓަށްވުރެ ގިނަ މީހުންގެ ދަރިންނަށް ހަމަސް ނުފުރި ކާންދޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ. ދެން ބައެއް ބެލެނިވެރިން ކާންދިނީ ކަމަށް ގަބޫލު ނުކޮށްފާނެ، ބުނާފާނެ ފުރުޓް ކޮޅެކޭ ދިނީ ޖޫސްކޮޅެކޭ ދިނީ. އަންނާރޭ ދިނީ. އެކަމަކު ކިރު ނޫން އެއްޗެއް ހަމަ ދިނުމާއެކު ކާންދިނީ ކަމަށް ހަގީގަތުގައި އެ ބެލެވެނީ" ނިޔާފް ވިދާޅުވި އެވެ.
އުމުރުފުރާ ހަމަ ނުވަނިސް ކާންދޭން ފެށީމަ، ދަރިފުޅަށް ހަޖަމް ނުވާ އެއްޗެއް ގޮހޮރުތެރެއަށް ދިޔައީމަ އޭނައަށް އޭގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވާ ކަމަށް ނިޔާފް ވިދާޅުވި އެވެ. އެ އުނދަގޫތަކަކީ ކެއުމުގެ ސަބަބުން ވާ އުނދަގޫތަކެއްކަން ކުއްޖާއަށް ފާހަގަކުރެވުނީމަ ކުދިން ކެއުމަށް ނަފްރަތު ކުރަން ފަށާކަން ނިޔާފް ފާހަގަ ކުރި އެވެ. އެއީ ކުދިން ކެއުމަށް "ނަފްރަތު ކުރަން ފެށުން" އަންނަ ހިސާބު ކަމަށް ނިޔާފް ވިދާޅުވި އެވެ.
"ތުއްތު އިރުގައި ބޭބީ އެހާބޮޑަށް ކަންކަމާ ފިކުރު ނުކުރާ އުމުރެއްގައިވެސް ކުއްޖާ ކެއުމަށް ނަފްރަތު ކުރާ ހިސާބަށް މިދަނީ" ނިޔާފް ވިދާޅުވި އެވެ.
ގަދަ ކަމުން ކާން ނުދީ، އެއީ ގެއްލުންހުރި ކަމެއް
ކުއްޖާއަށް ކާންދޭން ތައްޔާރު ކުރާ ތަށި ހުސްކުރުމަކީވެސް ބެލެނިވެރިން ކުރާކަމެއް ކަމަށް ނިޔާފް ވިދާޅުވި އެވެ. އެގޮތަށް ބައެއް ފަހަރު ގަދަކަމުން ކާންދިނުމާއި ނެގިހާ ވަގުތެއް ނަގައިގެން ކޮށްޓަ ކޮށްޓައިގެން "އެތައް އިރަކު ފޫހިކަމެއްގެ ތެރޭގައި ދަރިފުޅު ބައިންދަގެން" ކާގަޑި ކުރިއަށްގެންދާ ބެލެނިވެރިން އުޅޭ ކަން ނިޔާފް ފާހަގަކުރި އެވެ.
ކުރިއަށް ވިސްނާނަމަ އެއީ ރަނގަޅު ގޮތް ނޫން ކަމަށް ނިޔާފް ވިދާޅުވި އެވެ. އެކަމުގެ ސަބަބަނުން މާދަމާއަށް އުނދަގޫވާނެ ނިޔާފް ފާހަގަކުރެ އެވެ.
"އެކަމުގެ ސަބަބުން ދަރިފުޅު ބޮޑުވެގެން އަންނައިރު ކަންކަމަށް ނުރުހުން ދެއްކޭނެ ގޮތްތައް ވެސް އޭނަ ދަސްކުރާނެ. މިހެން ގޮސް މަޑުމަޑުން ކެއުން ކުޑަ އުނދަގުލަކުން ބޮޑު އުނދަގުލަކަށްވެ ދެން ރަނގަޅު ނުކުރެވޭ ހިސާބަށް ދިޔައިމަ ޑޮކްޓަރެއް ކައިރިއަށް މި އަންނަނީ،" ނިޔާފް ވިދާޅުވި އެވެ.
އޭގެ އިތުރުން ކާންދޭން ތައްޔާރު ކުރާ ތައްޓަށް ގިނަ ވައްތަރެއް އެއްކޮށް މުގުރައި މިކްސްކުރުމުން އެޔައް ބަލާފައިވެސް ކުއްޖާ ކާހިތް ކެނޑޭނެ ކަމަށް ނިޔާފް ފާހަގަކުރި އެވެ. އޭގެ ބަދަލުގައި އެކި އެތި ވަކިން މުގުރާފައި، ތަށީގައި ވަކި ވަކިން ބެހެއްޓީމައި ކުއްޖާ ކާހިތްވާނެ ކަމަށް ނިޔާފް ވިދާޅުވި އެވެ.
"ދަރިފުޅަށް ހަފްތާއެއް ތެރޭ ދެވުނު ހުރިހާ ކާއެއްޗެއް، ތައްޓަށް އަޅާފައި ތައްޔާރުކުރާ ހިސާބުގައި ފޮޓޯ ނަގާފަ ބަލައިލައިފިއްޔާ ޑރ. ވަރަށް ޔަގީންކޮށް ބުނާނަން އެ މަންމައަށް ބައްޕައަށްވެސް ނޭނގެނޭ އެތަށީގައި ހުރި އެއްޗެއް. އެއީ އެހުރިހާ ތައްޓެއްގައިވެސް ހުންނަނީ މަޑު ބްރައުން ކުލައިގެ މަޝީ ފުޑް. ދެން އެހުންނަ އެއްޗެއް" ނިޔާފް ވިދާޅުވި އެވެ.
ދަރިފުޅު ބޮޑުވަމުން އައިސް ހަތް މަސް އަށްމަސް ވުމުން މާ ބޮޑަށް މުގުރާފައި ދިނުން ހުއްޓާލުމަށްވެސް ޑރ ނިޔާފް ނަސޭހަތްތެރިވި އެވެ. "އަނގައިގަ ޖެހޭ ވަރަށް ރާޅުކަމެއް ހުންނަ ގޮތަށް" ބަހައްޓަން ވިދާޅުވި އެވެ.
ނުކޭމަ ޔޯގަޓެއް ދިނުމަކީ ރަނގަޅުު އާދައެއް ނޫން
ބަތްކޮޅެއް ހަދައިގެން އުޅެ އުޅެ ނުކޭމަ ޔޯގަޓްތައްޓެއް ދިނުމަށް ބައެއް ބެލެނިވެރިން ގެންގުޅޭ އާދަ ދޫކޮށްލަން ޖެހޭ ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ.
އެއީ ދަރިފުޅު އެންމެ މީރުކޮށް ކާ ކަމަށް ފެންނަ އެތި ދަރިފުޅު ނުކޭމައި ދެންޏާ ދަރިފުޅު ދަސްކުރާނީ "ހުރެ ބަހައްޓާށޭ މިފަހަރަކުވެސް ނުކާނަމޭ. ކޮއްކޮގެ ފެވަރިޓް އެތި ލިބޭނެއޭ އޭރުން" އެ އުސޫލު ކަމަށް ނިޔާފް ވިދާޅުވި އެވެ.
ކުއްޖާ ކެއުމަށް ހިތް ޖެއްސުމަށާއި ކެއުމުގެ އާދަތައް ރަނގަޅު ކުރުވުމަށް މިފަދަ ގިނަ ކަންކަން ކުރަން ޖެހޭނެ ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ.