24 Nov 2016, 20:52
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ދިވެހިންގެ އަތުން އެއާޕޯޓު ޑިވެލޮޕްމެންޓް ޓެކްސްގެ ގޮތުގައި 12 ޑޮލަރު ނެގުމަށާއި، ބިދޭސީންގެ އަތުން 25 ޑޮލަރު ނެގުމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
އެ އިސްލާހު ފާސްކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓާ އެކު އެވެ. އެ ބިލް ފާސްކުރުމާ ދެކޮޅަށް 20 މެމްބަރުން ވޯޓު ދެއްވިއެވެ.
ސަރުކާރު ފަރާތުން ސަރުކާރު ފަރާތުން ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު، ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް ހުށަހެޅި މިއިސްލާހުގައި ވަނީ މިހާރު ނަގަމުން އަންނަ އެއާޕޯޓް ސާވިސް ޗާޖުގެ އިތުރުން ޑިވަލޮޕްމަންޓް ޗާޖުގެ ގޮތުގައި އިތުރު ޗާޖެއް ނެގުމަށެވެ. އަދި ޑިޕްލޮމެޓިކް އިމިއުނިޓީ ޕާސްޕޯޓު ގެންގުޅޭ ފަރާތްތައް މި އޭޑީސީ ނެގުމުން އިސްތިސްނާވާނެ ކަމަށްވެސް ބިލުގައި ވެއެވެ.
އެ ފައިސާ ނެގުމުގެ ޒިންމާ އަދާކުރަން ޖެހޭނީ އެއާލައިންތަކުންނާއި އެއާޕޯޓުން ކަމަށާއި އެ ފައިސާ މީރާއަށް ހަވާލު ކުރަން ޖެހޭނެ ކަމަށް އެބިލުގައި ވެއެވެ.
މި ބިލް މިގޮތަށް ފާސްކުރި އިރު، އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 12 ޑޮލަރު މިހާރުވެސް ދިވެހިންގެ އަތުން ނަގަ އެވެ. ބިދޭސީންގެ އަތުން 25 ޑޮލަރު ނަގައެވެ.
ބިލް ފާސްކުރުމާއެކު ދިވެހިންގެ އަތުން ނަގަމުން އައި 12 ޑޮލަރުގެ އެއާޕޯޓު ސާވިސް ޗާޖުގެެ އިތުރުން، 12 ޑޮލަރުގެ އެއާޕޯޓު ޑިވެލޮޕްމެންޓް ޓެކްސް ދައްކަން ޖެހޭނެ އެވެ. އެހެންކަމުން ބޭރަށް ދާ ކޮންމެ ދިވެއްސެއްގެ އަތުން ޖުމްލަ 24 ޑޮލަރު ނަގާނެ އެވެ.
ހަމަ އެއުސޫލުން ބިދޭސީންގެ އަތުން މީގެ ކުރިން ނަގަމުން އައި 25 ޑޮލަރުގެ އެއާޕޯޓު ސާވިސް ޗާޖުގެ އިތުރުން އެއާޕޯޓު ޑިވެލޮޕްމެންޓް ޓެކްސްގެ ގެ ގޮތުގައި އިތުރު 25 ޑޮލަރު ނަގަން ޖެހޭނެ އެވެ. އެގޮތުން ކޮންމެ ބިދޭސީއެއްގެ އަތުން ޖުމްލަ 50 ޑޮލަރު ނަގާނެ އެވެ.
އެ ބިލަށް މަޖިލީހުގައި ހަތް އިސްލާހެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީ އިން ހުށަހެޅި ހަ އިސްލާހަކާއި ޕީޕީއެމްއިން ހުށަހެޅި އެއް އިސްލާހެވެ. އެމްޑީޕީގެ ފަރާތުން ހުށަހެޅި ހުރިހާ އިސްލާހުތަކެއް ބާތިލުކޮށްފައިވާ އިރު ޕީޕީއެމް އިން ހުށަހެޅި އިސްލާހު ވަނީ ފާސްކޮށްފަ އެވެ.