25 Nov 2016, 23:56
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 'ހަބޭސް 3'ގެ ނަމުގައި ސަރުކާރުގެ އެކި މުއައްސަސާތަކުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭން ޒުވާނުންނާއި ކުޅިވަރާބެހޭ ވުޒާރާއިން ރޭވި "ހަބޭސް-3 ފްރެންޑްލީ ފުޓްބޯޅަ މެޗު" މޫސުން ތަންނުދޭތީ ފަސްކޮށްފިއެވެ.
ޔޫތު މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ހުސައިން އަމީން މިރޭ ސަންއަށް ވިދާޅުވީ، ގައުމީ ފުޓްބޯޅަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ 8:15ގައި، ޔޫތު މިނިސްޓްރީއާ އެފްއޭއެމްގެ މެދުގައި ކުޅެން ހަމަޖެހިފައިވާ "ހަބޭސް-3 ފްރެންޑްލީ ފުޓްބޯޅަ މެޗު" ފަސްކުރި ނަމަވެސް، މޫސުން ތަންދޭނަމަ، މާދަމާ ހަވީރު ކުރިއަށް ގެންދާން ހަމަޖެހިފައިވާ ކުޑަކުދީންގެ ހަވީރުގެ ޚަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
"މާދަމާ ހަވީރު 3:30ން 6:00އަށް ޒުވާނުންގެ މަރުކަޒުގައި ކުރިއަށް ގެންދާން ހަމަޖެހިފައިވާ ޗިލްޑްރަން އިވްނިންގ ބާއްވާގޮތަށް އަދި އޮތީ،" އަމީން ވިދާޅުވިއެވެ.
"ހަބޭސް-3 ފުޓްބޯޅަ މެޗުގެ އިތުރުން އަޅުގަނޑުމެން ވާނެ، . އެ މެޗުވެސް މިވަނީ މޫސުން ތަންނުދޭތީ ފަސްކުރެވިފައި. ދެން މެޗު ކުޅޭނޭ ތާރީޚެއް އަޅުގަނޑުމެން ފަހުން އިއުލާނުކުރާނަން."
ހަބޭސް-3ގެ ނަމުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ފުޓްބޯޅަ މެޗުގެ އިތުރުން ލައިވް އާރޓް ހަރަކާތަކާއި، ކުޑަކުދިންގެ ހަވީރެއް އަދި މިއުޒިކް ޝޯވ އެއް ވެސް ހިމެނެ އެވެ. އެގޮތުން ލައިވް އާރޓްގެ ހަރަކާތް ބުރާސްފަތި ދުވަހު ޖުމްހޫރީ މައިދާނުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިއުޒިކް ޝޯވ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގެ ރޭ އަލިމަސް ކާނިވަލުގައެވެ.