26 Nov 2016, 16:38
ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ދެ ބާނީން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް މި އަހަރުގެ މުބާރާތް ފަށްޓަވައިދެއްވައިފި އެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ދެ ބާނީން އެ މުބާރާތް ރަސްމީކޮށް ފައްޓަވައި ދެއްވަނީ -- ފޮޓޯ: އަލީ އާތިފް
މިއަދު ހަވީރު ކުރިއަށްދިޔަ އެ މުބާރާތުގެ ފެށުމުގެ ކުލަގަދަ ރަސްމިއްޔާތުގައި ސިޔާމްއާއި މައުރޫފްގެ އިތުރުން މޯލްޑިވްސް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ލީޑަރު އައިޝަތު ރަފިއްޔާ އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: އަލީ އާތިފް
އެ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާ ކުޑަފަރީ އެފްސީ އާއި މަގޫދޫ އެފްޓީގެ މެޗުގެ ކުރިން ދެ ޓީމުގެ ކުޅުންތެރިންނާއި މުބާރާތުގެ ދެ ބާނީން، ސިޔާމްއާއި މައުރޫފް އަދި އެފްއޭއެމްގެ ރައީސް ބައްސާމްއާއި ސިޔާމްގެ ބައްޕާފުޅު މުހައްމަދު ގާސިމްއާއި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު އަދި މައުރޫފްގެ ދެ ދަރިކަލުން ދެ ޓީމުގެ ކުޅުންތެރިންނާއި މެޗު އޮފިޝަލުންނާ ސަލާމްކުރެއްވި އެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: އަލީ އާތިފް
ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕަށް މި އަހަރު ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. ފާއިތުވެދިޔަ ދެ އަހަރާ ހިލާފަށް މި އަހަރު އެ މުބާރާތުގައި ނ. އަތޮޅުގެ 13 ރަށުން ވެސް ވަނީ ބައިވެރިވެފަ އެވެ. ފާއިތުދިޔަ ދެ އަހަރު ކުޑަފަރީގައި އެ މުބާރާތް ބޭއްވި ނަމަވެސް، މިއަހަރު އެ މުބާރާތް ކުރިއަށްދަނީ ކެނދިކުޅުދޫގައެވެ. އެ މުބާރާތުގެ މަގްސަދަކީ ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވާ، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅަ އަށް ތައާރަފް ކުރުމެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: އަލީ އާތިފް
މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.