ގ. ވޭރު، އަބްދުލް މުހީތު މަރާލުމުގެ ކުށުގައި ދެ ފިރިހެން ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން މިއަދު ތާއީދު ކޮށްފިއެވެ.

ވަޅިން ހަމަލާދީ މުހީތު މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 1:50 އެހާކަން ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭގައި ސައިކަލެއްގެ މަތީގައި އޭނާ އިންދަ އެވެ.

މިއަދު ވަކި ވަކިން ބޭއްވި ދެ އަޑުއެހުމެއްގައި އެ ދެކުދިން މަރަން ޖުވެނައިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހުކުމް އިއްވަމުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވިދާޅުވީ މައްސަލައިގެ ހެކިބަސް އަލުން ނަގައި ދިނުމަށް އެކުއްޖާގެ ފަރާތުން ހައިކޯޓުގައި އެދުނު ނަމަވެސް އަލުން ހެކިބަސް ނަގަން ޖެހޭ ފަދަ ސަބަބެއް އޮތް ކަމަށް ފަނޑިޔާރުންނަށް ނުފެންނަ ކަމަށެވެ. އަދި އަލުން ބަޔާން ބަދަލުކުރަން ހެކިވެރިޔަކު ކޯޓުގައި އެދިފައި ވަނީ ދައުވާ ރައްދުވާ ކުއްޖާގެ އާއިލާއިންނާއި ވަކީލުން ބިރު ދެއްކުމުން ކަން އެނގިފައިވާ ކަމަށް ފަނޑިޔާރު ރައޫފް ވިދާޅުވި އެވެ.

މުހީތު މަރާލީ ފަސް ސައިކަލެއްގައި ދިޔަ ގުރޫޕަކުން ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށް ހެކިންގެ ހެކިބަހުން އެނގޭ ކަމަށް ފަނޑިޔާރު ރައޫފު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ގުރޫޕުގެ ތެރޭގައި މިއަދު ހުކުމް ކުރި ދެކުދިން ތިބި ކަމަށާއި، އެތަނުން އެއްކުއްޖަކު ވަޅިން ހަމަލާދިންތަން ފެނުނު ކަމަށް ބުނެ ހެކިވެރިން ހެކިބަސް ދީފައިވާ ކަމަށެވެ. އަދި އަނެއްކުއްޖާވެސް އެކަމުގައި ބައިވެރިވެފައިވާކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އޭގެތެރެއިން އެއްކުއްޖަކު ފޯނުން ގުޅައިގެން އެ ހާދިސާއާ ގުޅޭ ގޮތުން ދެއްކި ވާހަކަތައް މިއަދު ހުކުމް އިއްވަމުން ފަނޑިޔާރު ރައޫފު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އެކުއްޖާ ފޯނުން ގުޅައި، މުހީތު މަރާލިކަމަށް ބުނުމުން، މަރާލީ ބޮލުގައި ޖަހާފަތޯ އަނެއްކޮޅުން ފޯނުން ވާހަކަދެއްކި މީހާ ސުވާލުކޮށްފައިވެ އެވެ.

އަދި ޖެހި މީހުންގެ ނަންތައްވެސް ކިޔާފައިވެ އެވެ. އެ ފޯނު ކޯލުގައި ވާހަކަ ދައްކަމުން އެކުއްޖާ ބުނެފައިވަނީ މަރުވީ ދެ ގަޑިއިރުން ކަމާއި، ބޮލުގެ ފުއްކިބައިގައި ވަރަށް ތޫނުކޮށްފައި ހުރި ވަޅިއަކުން ޖެހުމުން ބޮލުގެ އިސްތަށިގަނޑުން ބައަކާއެކު ނާޝިގަނޑު ނެއްޓި ސިކުނޑި ނުކުތް ކަމަށްވެސް ބުނެފައިވެ އެވެ.

ފަނޑިޔާރު ރައޫފް ވިދާޅުވީ މިއަދު މަރަން ހުކުމް ކުރި އެއް ކުއްޖެއްގެ އަޑު އެ ފޯނު ކޯލުގައި ހުރިތޯ ޔަގީން ކުރުމަށް މެލޭޝިއާ އަށް ފޮނުވައިގެން ހެދި ޓެސްޓުތަކުން އެއީ އޭނާގެ އަޑުކަން ޔަގީންވެފައިވާ ކަމަށެވެ.

ދެ ކުދިން މަރަންވެސް ހައިކޯޓުން ތާއީދުކޮށްފައިވަނީ މައްސަލަ ބެއްލެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުއް ރައޫފް އިބްރާހީމާއި، ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރު އެވެ.

އެ މައްސަލައާ ގުޅިގެން 18 އަހަރުން މަތީގެ ތިން މީހެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލައިފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އެ ތިން މީހުންނަށް އަދި ހުކުމް އިއްވާފައެއް ނުވެ އެވެ.