އުތުރު ޔޫރަޕުގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް އިވެންޓު، މަކްޓާ ނޯޑިކް ޓްރެވަލް ފެއާގައި މަޓާޓޯއިން ބައިވެރިވާން ނިންމައިފިއެވެ.

އަންނަ އަހަރުގެ ޖެނުއަރީ 19 އިން 22 އަށް ފިނެލްންޑްގެ ވެރިރަށް ހެލްސިންކީގައި ބާއްވާ މި ފެއާއަކީ ފަތުރުވެރިކަމުގެ ދާއިރާގެ އާ ޕްރޮޑަކްޓްތަކާއި ނެޓްވޯކުތަކުގެ މައުލޫމާތު ހޯދުމަށާއި އާ ސަޕްލަޔަރުންނާއި ބައްދަލުކުރުމުގެ މަގު ތަނަވަސްކޮސްދޭ ފެއާ އެކެވެ. މަޓާޓޯއިން މި ފެއާގައި ބައިވެރިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތްް ފުޅާ ކުރުމުގެ މަގްސަދުގައި އެވެ.

އުތުރު ޔޫރަޕު ނުވަތަ ނޯޑިކް ސަރަހައްދުގެ ގައުމުތަކުގެ ގޮތުގައި ބެލެވެނީ ސްވީޑެން، ނޯވޭ، ފިންލެންޑް އަދި ޑެންމާކެވެ. އެގޮތުން މަޓްކާ ޓްރެވަލް ފެއާ އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް، ފިންލެންޑުގެ މެސުކެސްކޫ ހަލްސިންކީ ގައެވެ.

މަޓްކާ ފެއާގައި ޓްރެވަލް ޓްރޭޑް އިންޑަސްޓްރީގެ ފަރާތްތަކަށް، ޑިޝިޝަން މޭކާސްއާ ފަސޭހައިން ބައްދަލުވެ، ހިތްގައިމު މާހައުލެއްގައި ޕާޗޭސް ޕަވާ ހުރި ކަސްޓަމަރުންނާ މުއާމަލާތް ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ.

މި ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް، ބައިނަލްއަގުވާމީ ޓްރެވަލް މާކެޓުގައި ޕްރޮމޯޓު ކުރުމަށް މަޓްކާގައި މަޓާޓޯއިން ބައިވެރިވާން ނިންމާފައިވާއިރު، މި ފެއާ މެދުވެރިކޮށް މުޅި ދުނިޔޭގައިވެސް ތިން ވަނައަށް އެންމެ ބޮޑު އައުޓްބައުންޑް ޓްރެވަލް މާކެޓަށް ރާއްޖެ ހުޅުވިގެންދާނެ އެވެ.

މަޓްކާ ފެއާގައި ބައިވެރިވުމަށް ނިންމުމާއެކު، އެ ފެއާގައި ބައިވެރިވާން ބޭނުންވާ ދިވެހި ވިޔަފާރިވެރިންނަށް މަޓާޓޯއިން އިން ވަނީ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. މަޓާޓޯއިން ބުނި ގޮތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާފައިވަނީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.