30 Nov 2016, 11:59
ކޮލަމްބިއާ އަށް ދަތުރު ކުރަމުން ދިޔަ ބޯޓް ވެއްޓުނު ހާދިސާއާ ގުޅިގެން ކޮޕާ ސުޑަމެރިކާނާގެ ތަށި ބްރެޒިލްގެ ޗަޕަކޮއެންސް އަށް ދިނުމަށް ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއޮނަލުން އެދިއްޖެ އެވެ.
ދެކުނު އެމެރިކާގެ ދެވަނަ އަށް އެންމެ ބޮޑު މުބާރާތް ކަމަށްވާ ކޮޕާ ސުޑަމެރިކާނާގެ ފައިނަލުގައި ވާދަކުރުމަށް ކޮލަމްބިއާގެ މެޑެޔިން ސިޓީ އަށް ދަތުރުކުރަމުން ދަނިކޮށް ވެއްޓުނު ފްލައިޓުގައި ތިބި މީހުންގެ ތެރެއިން ސަލާމަތް ވެފައިވަނީ ޗަޕަކޮއެންސް ޓީމުގެ ތިން ކުޅުންތެރިއެކެވެ. ފްލައިޓުން ދަތުރުކުރަމުން ދިޔަ 77 މީހުންގެ ތެރެއިން ދެން ސަލާމަތްވެފައި ވަނީ ފްލައިޓުގެ ދެ ކުރޫ މެމްބަރުންނާއި ނޫސްވެރިއެކެވެ.
ޗަޕަކޮއެންސްއާ އެކު އެ މުބާރާތުގެ ފައިނަލަށް ދިޔަ އެތުލެޓިކޯ ނޭސިއޮނަލުން ނެރުނު ބަޔާނެއްގައި ބުނީ، ޗަޕަކޮއެންސް އަށް ތަށި ދިނުމަށް ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާ ކޮންމެބޮލް އަށް ފޮނުވި ސިޓީއަކުން އެދިފައިވާނެ ކަމަށާއި ފްލައިޓް ވެއްޓުނު ހަބަރަކީ އެ ކްލަބަށް ވެސް ލިބުނު ބޮޑު ހިތާމައެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"އެއީ ލެޓިން އެމެރިކާ އަދި ދުނިޔޭގެ ފުޓްބޯޅަ އަށް ވެސް ލިބުނު ބޮޑު ހިތާމައެއް. މިއީ އަހަރެމެންނަށް ލިބުނު ޝޮކެއް. ބޮޑު ހިތާމައެއް. އެ ފްލައިޓުގައި ތިބީ ފުޓްބޯޅަ ކުޅުންތެރިން، ނޫސްވެރިން އަދި ފްލައިޓްގެ ކްރޫން. އެއީ އުފާވެރި މުސްތަގުބަލެއް ބިނާ ކުރަމުން ދިޔަ ބައެއް. އެ ހިތާމައިގެ ސަބަބުން ޝަރަފްވެރި އެވޯޑެއްގެ ގޮތުގައި ޗަޕަކޮއެންސް އަށް ކޮޕާ ސުޑަމެރިކާނާގެ ތަށި ދިނުމަށް މި ކްލަބުން ވާނީ އެދިފައި. މި އަހަރުގެ ކޮޕާ ސުޑަމެރިކާނާގެ ޗެމްޕިއަނުންނަކީ ޗަޕަކޮއެންސް...،" އެތުލެޓިކޯ ނޭސިއޮނަލުން ނެރުނު ބަޔާނުގައިވެ އެވެ.
އެތުލެޓިކޯ ނޭސިއޮނަލުން އެދުނު ގޮތަށް ކޮންމެބޮލުން އަދި ނިންމާފައެއް ނުވެ އެވެ. ނަމަވެސް ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި އެ ކްލަބުގެ އެދުމުގެ މަތިން ކޮންމެބެލް އިން ޗަޕަކޮއެންސް އަށް ކޮޕާ ސުޑަމެރިކާނާގެ ތަށި ދޭނެ ކަމަށް ބެލެވެ އެވެ.
ކޮލަމްބިއާ އަށް ދަތުރުކުރި ފްލައިޓުން ސަލާމަތްވި ޗަޕަކޮއެންސްގެ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އެލަން ލޫސިއާނޯ ރުސްޗެލް އާއި، ހޭލިއޯ ހާމިޓޯ ޒަމްޕިއާ އަދި ގޯލްކީޕަރު ޖެކްސަން ރެގްނާ ފޮލްމަން އެވެ.