ރާއްޖޭގައި ހިޔާލު ތަފާތުވުންތައް އިތުރުވަމުންދާ ކަމަށް ވިދާޅުވެ އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ބަން ކީ މޫންގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައިވާ ގޮތުން ރާއްޖޭގައި ހިޔާލު ތަފާތުވުންތައް އިތުރުވުމުގެ ސަބަބުން ސަރުކާރާއި ސިޔާސީ ޕާޓީތަކާ ދެމެދު މަޝްވަރާ ކުރުންތައް ބޭއްވުމަށް އޮތް ހުރަސްތައް ވަނީ އިތުރުވެފަ އެވެ.

އެހެންކަމުން އެ ދެބަސްވުންތައް ނައްތާލުމުގެ ގޮތުން ގައުމުގެ ބޭނުންތަކަށާއި ޑިމޮކްރަސީގެ އުސޫލުތަކާއި މިނިވަން މުއައްސަސާތަކަށް އިސްކަންދީގެން ހުރިހާ ފަރާތްތައް ޝާމިލުވާ ގޮތަށް މަޝްވަރާތައް ބޭއްވުމަށް ބަން ހިތްވަރުދެއްވި އެވެ.

މީގެ އިތުރުން ސެކްރެޓަރީ ޖެނެރަލްގެ ބަޔާނުގައި އޭނާ ވަނީ އެފަދަ މަޝްވަރާތަކަށް އެހީ ފޯރުކޮށް ދިނުމަށް އދ. އިން އަބަދު ވެސް އޮންނަނީ ތައްޔާރަށް ކަން ފާހަގަ ކުރައްވައިފަ އެވެ.