04 Dec 2016, 11:50
އދ. މަޖިލިސް(ޑިސެމްބަރު 4): އިންސާނުން އަޅުވެތިކޮށްގެން ގެންގުޅުމުގެ މައްސަލަ ދުނިޔޭގައި ބޮޑުވަމުންދާ ކަމަށާއި އަޅުންގެ ގޮތުގައި ގެންގުޅޭ މީހުންގެ 50 އިންސައްތަ ދިރިއުޅެނީ އޭޝިޔާގެ ފަސް ގައުމެއްގައި ކަމަށް ކަމާބެހޭ ސާވޭ ރިޕޯޓަކުން ހާމަވެއްޖެއެވެ.
އެއް އިންސާނަކު އަނެއް އިންސާނުން އަޅުވެތިކޮށްގެން ގެންގުޅުމާ ދެކޮޅުހެދުމުގެ ބައިނަލްއަގްވާމީ ދުވަހުގެ ގޮތުގައި އދ. ން ފާހަގަ ކުރާ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހެވެ. މިދުވަހުގެ މުނާސަބަތުގައި އދ. ން ނެރުނު ރިޕޯޓެއްގައި، 2014 ވަނަ އަހަރާ އަޅައިބަލާއިރު 2016 ވަނަ އަހަރު އަޅުވެތިކަމުގެ ވޭން ތަހައްމަލް ކުރަމުންދާ މީހުންގެ ނިސްބަތް 28 އިންސައްތައަށް އިތުރުވެފައިވާކަން ހާމަކޮށްފައިވެއެވެ.
މި ރިޕޯޓް ބުނާގޮތުން އޭޝިޔާއާއި އެފްރިކާއާއި ޔޫރަޕާއި އޮސްޓްރޭލިޔާއާއި އެމެރިކާގެ ދެ ކޮންޓިނެޓްގައިވެސް އަޅުވެތިކަމުގެ ވޭން ތަހައްމަލް ކުރަމުންދާ މީހުންގެ އަދަދު 2016 ގައިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތުން އިންސާނުންގެ އަޅުވެތި ކަމުގައި ދިރިއުޅެން ޖެހިފައިވާ އިންސާނުންގެ އަދަދަށް ބަލާއިރު 2016 ގައި މިއަދަދު 46 މިލިޔަނަށް އަރާފައިވާކަން އދ. ގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މި 46 މިލިޔަން މީހުންގެ ތެރެއިން 23 މިލިޔަން މީހުން ދިރިއުޅެނީ އޭޝިޔާގެ ފަސް ގައުމެއް ކަމަށްވާ އިންޑިޔާ، ޗައިނާ، ބަންގްލަދޭޝް، ޕާކިސްތާން އަދި އުޒްބަކިސްތާންގައެވެ.

އިންސާނުން އެހެން އިންސާނުން އަޅުވެތިކޮށްގެން ގެންގުޅުމުގެ މައްސަލަ އަކީ ކުރީ ޒަމާންތަކުގައި ވަރަށް ބޮޑު މައްސަލައެވެ. ނަމަވެސް ދުނިޔެ ތަރައްގީވެ އިންސާނުންނަށް ތަފާތު ހައްގުތައް ލިބެމުންދިޔުމާއެކު އަޅުވެތިކަން ވަނީ ހުރިހާ އަގީދާތަކެއްގެ މީހުންގެ ތެރޭގައިވެސް ވަރަށް އަނިޔާވެރި އަދި ގަބޫލުނުކުރެވޭ ލާއިންސާނީ ކަމަކަށް ވެފައެވެ.
މިގޮތުން އިންސާނީ ހައްގުތަކުގެ ނަމުގައި ގިނަ ފަރާތްތަކަކުން އަޑުއުފަލަމުންދާ މިޒަމާނުގައި އަޅުވެތިކަމަކީ އޮންނަ ކަމެއްކަމަށް ގިނަބަޔަކަށް ލަފާނުކުރެވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ޒަމާން ބަދަލުވެގެން ދިޔުމަށްފަހު މިހާރުވަނީ އަޅުވެތިކަމުގެގޮތާއި އޭގެ ވައްޓަފާޅިވެސް މުޅިން ބަދަލުވެފައެވެ. ނަމަވެސް އެއް އިންސާނަކު ނަހަމަގޮތުގައި އަނެއް އިންސާނެއްގެ މިނިވަންކަމުގެ ހައްގުތަކަށް އަރައިގަތުމާއި އުޖޫރައަކާ ނުލައި މަސައްކަތްކުރުވުމާއި އަނެކާގެ ބޭނުން ނަހަމަގޮތުގައި ހިފުން ނުވަތަ އެކްސްޕޮލައިޓް ކުރުމަކީ ޒަމާނީ އަޅުވެތި ކަމުގެ ގޮތުގައި އދ. ން ފާހަގަކުރާ ކަންތައްތަކެވެ.
މީގެތެރޭގައި މުސާރައަކާނުލައި މަސައްކަތް ކުރުވުން ނުވަތަ ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ނުދީ އިންސާނުންލައްވައި މަސައްކަތްކުރުވުމާއި އޮޅުވާލައިގެން ޖިންސީ ވިޔަފާރީގެ ތެރެއަށް އިންސާނުން ވެއްދުމާއި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށްޓަކައި އަމިއްލަ ހަށިގަނޑުގެ ގުނަވަންތައް (ކިޑްނީފަދަ) ވިއްކަން މަޖްބޫރުވުންފަދަ ކަންކަމަކީ ޒަމާނީ އަޅުވެތިކަމެވެ.
ޒަމާނީ އަޅުވެތިކަން އިތުރުވަމުންދަނީ އާންމުކޮށް ފަގީރު ގައުމުތަކުގައާއި ފަގީރު މުޖްތަމައުތަކުގައެވެ. މީގެއިތުރުން ހަނގުރާމައިގެ ސަބަބުން ރެފިއުޖީންނަށްވެގެންދާ މީހުންނަކީވެސް ވަރަށް ފަސޭހައިން އަޅުވެތިކަމުގެ ތެރެއަށް ވެއްޓިގެންދާ ބައެކެވެ.
ޖިންސީ އަޅުންގެ ގޮތުގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގައި އެތަށް އަންހެނުންނެއް ގެންގުޅެމުންދާއިރު އެކަށީގެންވާ އުޖޫރައެއްނުދީ އިންސާނުންލައްވައި މަސައްކަތްކުރުވުމުގެ މައްސަލަ އިންޑިޔާ، ޗައިނާ ބަންގްލަދޭޝް އަދި ޕާކިސްތާން ފަދަ ގައުމުތަކުގައި ވަރަށް ބޮޑެވެ. މިގައުމުތަކުގައި އެތަށް މިލިޔަން އަންހެނުންނާއި ފިރިހެނުން މިއަޅުވެތިކަމުގައި އުޅެމުންދާކަން އދ. ގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ބިރުދައްކައިގެންނާއި ގަދަބާރުން ހަނގުރާމައިގެ ތެރެއަށް ކުޑަކުދިންނާއި އަންހެނުންނާ އަދި ފިރިހެނުން ވެއްދުމުގެ މައްސަލަ އެފްރިކާއާއި އަފްޣާނިސްތާނާއި އިރާގާއި ސޫރިޔާއާއި ސޮމާލިޔާއާއި ޔަމަންފަދަ ގައުމުތަކުގައި ވަރަށް ބޮޑެވެ. މިއީ ވެސް ޒަމާނީ އަޅުވެތިކަމުގެ ވައްތަރެކެވެ.
އިންސާނުން އަޅުވެތިކުރުން މަނާކުރާ ބައިނަލްއަގްވާމީ މުއާހަދާ އދ.ން ފާސްކޮށް ދުނިޔޭގެ ފެންވަރުގައި އެކަން އިޢުލާންކުރުމުގެ ކުރިން މާތްވެގެންވާ އިސްލާމް ދީންވަނީ އަޅުވެތިކަމާ ދެކޮޅަށް ހަނގުރާމަ އިޢުލާންކޮށް އިންސާނުންގެ ޝަރަފާއި ކަރާމާތް ގެރެންޓީ ކޮށްދީފައެވެ. (ނޫސްއެޖެންސީތައް)