ނައިޕީޑޯ(ޑިސެމްބަރު 4): ބައިނަލްއަގުވާމީ މުޖުތަމައުގެ ސަބަބުން، މިޔަންމާގެ ހުޅަނގުއުތުރުގައި ދިރިއުޅޭ ބުދިސްޓުންނާއި މުސްލިމުންނާ ދެމެދު ރުޅިވެރިކަން އިތުރުވަމުންދާ ކަމަށް އަންގް ސަން ސޫޗީ ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުން ސޫޗީ ވަނީ، މިޔަންމާގައި އަސްކަރީ އޮޕަރޭޝަނެއް ފަށާފައި ވަނީ މުސްލިމް ހަނގުރާމަވެރިންތަކެއް އެގައުމުގެ ފުލުހުންނަށް ދިން ހަމަލާއަކާ ގުޅިގެން ކަން ދުނިޔެއިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

"(މުސްލިމުންނާއި ބުދިސްޓުންނާ) ދެމެދުގައި އުފެދިފައިވާ ރުޅިވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމު ކުރުމަށް ބައިނަލްއަގުވާމީ ދުނިޔެއިން އެހީތެރިވެދިނުމަކީ އަޅުގަނޑު ޝުކުރުވެރި ވާނެ ކަމެއް،" ސޫޗީ ވިދާޅުވި އެވެ.

"(މިޔަންމާގެ) ފުލުހުންނަށް ހަމަލާދިން ނަމަވެސް، އެންމެން މައްސަލައިގެ ނުބައި ކޮޅަށް އިސްކަންދޭ ނަމަ އެއްވެސް މީހަކަށް ފައިދާއެއް ނުލިބޭނެ،" ސޫޗީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ރަހީން ސްޓޭޓުގައި މުސްލިމުންނެކޭ އެއްފަދައިން އެ ސްޓޭޓުގެ ރައްޔިތުންވެސް ވަނީ ކަންބޮޑުވެފައެވެ.

"ރަހީންގައި ހަމައެކަނި މުސްލިމުންނެއް ނޫން ހާސްވެ ކަންބޮޑުވެފައި ވަނީ. ރަހީންގެ ރައްޔިތުންވެސް ވަނީ ކަންބޮޑުވެފަ. ޕަސެންޓޭޖަށް ބަލާއިރު އެމީހުންގެ އާބާދީ ކުޑަ ވަމުން ދިޔުމުގެ ސަބަބުން އެމީހުން ވެސް ވަނީ ކަންބޮޑުވެފަ،" ސޫޗީ ވިދާޅުވި އެވެ.

ބަންގުލަދޭޝް އާއި މިޔަންމާއާ ގުޅޭ ބޯޑަރު ކައިރީގައި ތިބި ފުލުހުންނަށް މިދިޔަ އޮކްޓޯބަރު މަހު ބަޔަކު ހަމަލާދީ ނުވަ ފުލުހުން މަރާލުމާ ގުޅިގެން މިޔަންމާގެ އަސްކަރިއްޔާ އިން ދަނީ ބުދިސްޓުންނަށް ވުރެ ބޮޑު މުސްލިމުންގެ އާބާދީއެއް އޮންނަ ރަހީން ސްޓޭޓުގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. މިޔަންމާގެ ފުލުހުން ބުނާ ގޮތުގައި ބޯޑަރު ފުލުހުންނަށް ހަމަލާ ދިނީ ރޮހިންޔާ މުސްލިމުންގެ ތެރެއިން ބަޔެކެވެ.

އަސްކަރިއްޔާއިން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި 86ކަށް ވުރެ ގިނަ މީހުން މަރާލާފައިވާ އިރު 10،000 ވުރެ ގިނަ މީހުންނަށް ވަނީ ބަންގުލަދޭޝްއަށް ދާން މަޖުބޫރުވެފައެވެ.

ރޮހިންޔާ މުސްލިމުންގެ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ކޯކޯ ލިން ބުނި ގޮތުގައި ރަހީން ސްޓޭޓުން ވަނީ 100 އަށް ވުރެ ގިނަ މީހުން މަރާލައި، އެވަރު އަދަދެއްގެ މީހުން ހައްޔަރުކޮށްފައެވެ. އަދި މުސްލިމުންގެ ގެތަކުގައި ރޯކުރަމުން ދިޔުމުގެ ސަބަބުން 10،0000ށް ވުރެ ގިނަ މީހުންނަށް ވަނީ އަވަށްޓެރި ބަންގުލަދޭޝަށް ފިލަން ޖެހިފައި ކަަމަށް ޔޫއެން އިން ބުނެ އެވެ.

މެލޭޝިއާއިން ވަނީ މިޔަންމާ އަސްކަރިޔާގެ އަމަލުތައް "ނަސްލެއް ނައްތާލުމަށް" ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އިންސާނީ ހައްގުތަަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ވަނީ މިޔަންމާގެ އަސްކަރިއްޔާ އިން މީހުންގެ ހައްގުތަށް ނިގުޅައިގަނެ، އަނިޔާކޮށް، ރޭޕްކޮށް، މީހުން މަރަމުންދާ ކަމުގެ ތުހުމަތުތައް ކޮށްފައެވެ.

ނަމަވެސް އަސްކަރިއްޔާ އިން އޮޕަރޭޝަން ހިންގާ ސަރަހައްދުތަކަށް ނޫސްވެރިންނާއި އެހީ ފޯރުކޮށްދޭ ފަރާތްތަކުން ވަނުން މަނާކޮށްފައި އޮތުމުން ރޮހިންޔާ މުސްލިމުންގެ ހާލަތު ޔަގީން ކުރުމަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

އަދި މިޔަންމާގެ ސަރުކާރުން ވަނީ އެގައުމުގެ އަސްކަރިއްޔާއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ. އެ ސަރުކާރުން ބުނާ ގޮތުގައި ބައިނަލްއަގުވާމީ ސަމާލުކަން ހޯދުމަށްޓަކައި ރަހީން ސްޓޭޓުގެ ގެތަކުގައި ރޯކުރަމުން ދަނީ މުސްލިމުން އަމިއްލައަށެވެ. (ގާޑިއަން)