09 Dec 2016, 14:01
ކޮރަޕްޝަނުގެ އަމަލުތައް ހިންގާ ފަރާތްތަކަށް ކަރުކަށި އަދަބު ދިނުމަށް ގާނޫނަށް ބަދަލު ގެނެސް އަދަބު ތަންފީޒު ކުރުމުގެ ގާނޫނީ ހުރަސްތައް ނައްތާލަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރައްމުންދާ ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާއްސަބަތުގައި ރައީސް ޔާމީން ފޮނުއްވި ޚިތާބުގައި އެމަނިކުފާނު ގޮވާލައްވާފައިވަނީ ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ އިރު އެއްވެސް ކޮރަޕްޝަނެއް ނުހިންގުމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ކޮރަޕްޝަން ހިންގާ ފަރާތްތަކަށް "ހަރުކަށި އަދަބު ދޭންޖެހޭ" ކަމަށެވެ. އެކަމަށްޓަކައި ގާނޫނަށް ބަދަލުގެންނަން ޖެހޭކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.
"ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށްޓަކައި، ކަމާބެހޭ ގާނޫނުތަކަށް އިސްލާހު ގެނެސް، އަދަބު ތަންފީޒު ކުރުމުގައި ހުރި ގާނޫނީ ހުރަސްތައް ނައްތާލަންޖެހޭ" ރައީސް ޔާމީން ވިދާޅުވި އެވެ.
ކޮރަޕްޝަނުން ސަލާމަތް ވެވޭނީ ދައުލަތުގެ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ހާމަކަން ބޮޑުގޮތެއްގައި ކަންތައްތައް ކޮށްގެންކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
"ދައުލަތުގެ މުއައްސަސާތަކަކީ، ކޮރަޕްޝަންގެ އަމަލުތަކަށް ފުރުސަތު ނުދޭ، ނަޒާހަތްތެރި އިދާރާތަކަކަށް ހެއްދެވުމަށް މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސްކުރަ" ރައީސް ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ ތަހުނިޔާ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީއަށާއި، އެ ކޮމިޝަންގެ މެންބަރުންނަށާއި، މުވައްޒަފުންނަށް ރައީސް ޔާމީން ވަނީ ފޮނުއްވާފަ އެވެ.