10 Dec 2016, 12:31
އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސްރީ ލަންކާ އަށްކުރި ތަމްރީން ދަތުރުގެ ތެރެއިން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ކުޅުނު ފަސް ވަނަ މެޗުން ފަސޭހަކަމާ އެކު މޮޅުވެއްޖެ އެވެ.
ލަންކާގައި އިއްޔެ ކުޅުނު އެ މެޗުގައި ރާއްޖެ ނުކުމެފައި ވަނީ ނޭޝަނަލް ޔޫތު ސާވިސަސް ކައުންސިލް (އެންވައިއެސްސީ)ގެ ޓީމާ ދެކޮޅަށެވެ.
އެންވައިއެސްސީއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅުނު މެޗުން މޮޅުވެފައި ވަނީ ސީދާ ތިން ސެޓުންނެވެ. ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގެ ސެޓުތައް ރާއްޖޭގެ ޓީމުން ގެންދިޔައީ 21-25، 24-26 އަދި 22-25 އިންނެވެ.
ރާއްޖޭގެ ޓީމު ވަނީ ތަމްރީން ދަތުރުގެ ތެރެއިން ކުރިން ހަތަރު މެޗެއް ކުޅެފަ އެވެ. ރާއްޖެ އިން ކުޅުނު ފުރަތަމަ ހަތަރު މެޗުން ބަލިވެފައިވި އިރު، އޭގެ ތެރޭގައި ލަންކާގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ސުބަރަގާއާ ދެކޮޅަށް ވެސް މެޗެއް ކުޅެފައިވެ އެވެ.
ރާއްޖޭގެ ޓީމު ލަންކާގައި މިދިޔަ މަހުގެ 27 އިން ފެށިގެން 20 ދުވަހުގެ މުއްދަތަކަށް ތަމްރީންތައް ކުރިއަށްގެންދާނެ އެވެ. ލަންކާގައި ރާއްޖޭގެ ވޮލީ ޓީމުން ތަމްރީންތައް ކުރިއަށްގެންދަނީ އެ ޓީމުގެ އާ ކޯޗަކަށް ހަމަޖެއްސި ލަންކާ ގައުމީ ވޮލީ ޓީމުގެ ކުރީގެ ކޯޗު ކުމާރާ ވެންޑަކޫން އެވެ. ތަމްރީން ހަ ވަނަ މެޗުގައި އަންނަ ހޯމަ ދުވަހު ރާއްޖޭގެ ޓީމު ނުކުންނާނީ ޕޯޓް އޮތޯރިޓީއާ ދެކޮޅަށެވެ.
ލަންކާ އަށްކުރި ތަމްރީން ދަތުރުގައި ބައިވެރިވަމުންދާ ރާއްޖޭގެ ޓީމުގައި ހިމެނެނީ 15 ކުޅުންތެރިންނާއި ދެ އެސިސްޓަންޓް ކޯޗާއި މެނޭޖަރު އަދި ރެފްރީ އުނައިޝް މުހައްމަދެވެ.
އެ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އިޝާން މުހައްމަދު (ބަޓިސް) އާއި، ހުސައިން ވިޝާމް އާއި އަހްމަދު ފާޒިލް އާއި އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި އާދަމް ފައިރޫޒް އާއި އަހްމަދު އަނިލް ނަސީރު އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި މުހައްމަދު އަހުސަން އާއި އަލީ ޖަވާމް އާއި މުހައްމަދު ޝާއިން އާއި ހަސަން ނިލާމް އާއި، އަޝްފާގު އާދަމް (އައްކަޅޭ) އާއި، އާދަމް ނަސީމް އަދި ލުގުމާން ލަތީފެވެ.
ޓީމުގެ މެނޭޖަރެއްގެ ގޮތުގައި އަބްދުﷲ ރަޝީދު ދަތުރުގައި ބައިވެރިވި އިރު، އެސިސްޓަންޓް ކޯޗުންނަށް ހަމަޖެއްސި އިބްރާހިމް ޝިހާމާއި ރާއްޖޭގެ ކުރީގެ ވޮލީބޯޅަ ކުޅުންތެރިޔާ ނިޒާރު އިބްރާހިމް ވެސް ދަތުރުގައި ބައިވެރިވި އެވެ.