ކުށުގެ ތުހުމަތުގައިވާ ފަރާތްތަކަށް އިތުރު ފުރުޞަތު ދިނުމުގެ އުޞޫލުގެ ދަށުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، 218 ކުށްވެރިއަކަށް އިތުރު ފުރުސަތު ދީފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ، އެ އޮފީހުގެ، މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓުގައި ދައްކާ ގޮތުން، ޕީޖީ އޮފީހުގެ "އިތުރު ފުރުސަތު ކޮމިޓީ"އިން ވަނީ، ތިންވަނަ ކުއާޓަރުގެ ތެރޭގައި 78 ކުށްވެރިއެއްގެ މައްސަލަ ބަލާފައެވެ.

އޭގެ ތެރެއިން 41 ކުށްވެރިއަކަށް އިތުރު ފުރުސަތު ދިނުމަށް ނިންމާފައިވާ އިރު، 37 ކުށްވެރިއަކަށް އިތުރު ފުރުސަތު ނުދިނުމަށް ނިންމާފައިވެއެވެ. އިތުރު ފުރުސަތު ދިނުމަށް ނިންމި ކުށްވެރިން އަރައިގަތް ކުށްތަކުގެ ތެރޭގައި މާރާމާރީ ހިންގުމާއި، ވައްކަން ކުރުމާއި އަދި އަމުރަށް ނުކިޔަމަންތެރިވުން ހިމެނެއެވެ.

ދެވަނަ ކުއާޓަރުގައި ޕީޖީގެ އިތުރު ފުރުސަތު ކޮމިޓީން 99 މައްސަލައެއް ބަލާފައިވާ އިރު، 53 މީހަކަށް އިތުރު ފުރުސަތު ދީފައިވެއެވެ. އޭގެ ތެރޭގައި މާރާމާރީއާ ގުޅޭ ހަތް މީހަކާއި، ވައްކަމުގެ މައްސަލަތަކާ ގުޅޭ އަށް މީހެއް އަދި ބިރުދެއްކުމުގެ މައްސަލަތަކާ ގުޅޭ ނުވަ މީހެއް ހިމެނެއެވެ. އަދި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށް ކުރި ދެ މީހަކުވެސް ހިމެނެއެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް އިތުރު ފުރުސަތު ދީފައިވަނީ ފުރަތަމަ ކުއާޓަރުގައެވެ. އިތުރު ފުރުސަތު ކޮމިޓީ 210 މައްސަލައެއް ފުރަތަމަ ކުއާޓަރުގައި ބެލި އިރު، 124 މީހަކަށް ދެވަނަ ފުރުސަތު ދިނެވެ. އޭގެ ތެރޭގައި، ފުލުހުންނާ ދެކޮޅަށް މަސައްކަތް ކުރި 47 މީހަކާއި، އަމިއްލަ ނަފްސާ ދެކޮޅަށް ކުށް ކުރި 41 މީހަކު ހިމެނެއެވެ.

ކުށްވެރިންނަށް އިތުރު ފުރުސަތު ދެނީ، ކުށްކުށުގެ ތުހުމަތުގައި ދައުވާ ކުރުމަށް ހުށަހެޅޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް ކުށް ކުރާ، އަދި ނިސްބަތުން ކުދި ކުށް ކުރާ ފަރާތްތަކަށް، އެ ކުށް ކުރި ގޮތަށް ރިއާޔަތް ކުރުމަށްފަހު، ކްރިމިނަލް ޖަސްޓިސް ސިސްޓަމަށް އެފަރާތެއް ނުވެއްދުމަށް ވީވަރަކުން މަސައްކަތް ކުރުމަށެވެ.

އެގޮތުން، ޕީޖީ އޮފީހަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ހެއްކާއި ގަރީނާ ހުންނަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކަށް، އައްޔަނުކުރައްވާ ޕްރޮސެކިއުޓަރުންތަކެއް ހިމެނޭ "އިތުރު ފުރުސަތު ކޮމިޓީ"އިން، އިތުރު ފުރުސަތު ދެވެން އޮތް ނަމަ އެ ފުރުސަތު ދޭންޖެހޭ ކަމަށް، "ކުށުގެ ތުހުމަތުގައިވާ ފަރާތްތަކަށް އިތުރު ފުރުސަތު ދިނުމުގެ އުސޫލު"ގައި ވެއެވެ.