12 Dec 2016, 09:30
މޮސްކޯ (ޑިސެމްބަރު 12) : ސޫރިޔާގައި އެންމެ ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާ ރަށްކަމަށްވާ ހަލަބް ގައި ފައިހަރުކޮށްލައިގެންތިބި ހަނގުރާމަވެރިން އެރަށުން ފޭބުމުގެ މައްސަލާގައި އެމެރިކާއާ އެކު އަދިވެސް އެއްބަސްވުމަކަށް ނާދެވޭކަމަށް ރަޝިޔާއިން ބުނެފި އެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ސަރްގީ ރިޔަބްކޯފް ވިދާޅުވީ މިމައްސަލާގައި ރަޝިޔާއާއި އެމެރިކާއާ ދެމެދު ވަރަށް ސީރިޔަސް ވާހަކަތަކެއް ދައްކަމުން ގެންދާކަމަށާއި ނަމަވެސް އަދި އެއްބަސްވުމަކަށް ނާދެވޭ ކަމުގައެވެ. ހަލަބްގައި ފައިހަރުކޮށްލައިގެންތިބި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކަކީ އެމެރިކާގެ މަދަދުލިބޭ ޖަމާއަތްތަކެކެވެ. އެމެރިކާ އިން އެޖަމާއަތްތަކަށް ފައިސާއާއި ހަތިޔާރު ފޯރުކޮށްދިނުމުގެ އިތުރުން ސިޔާސީ އެއްބާރުލުން ވެސް ދެމުން ގެންދެ އެވެ.
މިމައްސަލައާބެހޭ ގޮތުން ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ލީޑަރަކު ވިދާޅުވީ ހަނގުރާމަވެރިން ހަލަބުން ފޭބުމުގެ މައްސަލާގައި އެއްބަސްވުމަކަށް އަދި ނާދެވެނީ ސޫރިޔާ ސަރުކާރާއި ހަނގުރާމަވެރި ޖަމާއަތްތަކާދެމެދު އިތުބާރު ނެތުމުގެ ސަބަބުންކަމުގައެވެ. މިމައްސަލާގައި އެމެރިކާއާއި ރަޝިޔާއިން ސޮއިކުރަން މަސައްކަތްކުރާ އެއްބަސްވުމުގެ ދެލިކޮޕީގައި އިދިކޮޅު ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާތަކާއި އެމީހުންނަށް ތާއީދުކުރާ ފަރާތްތައް އަމާންކަމާއެކު ހަލަބުން ބޭރުވުމުގެ ފުރްސަތު ދޭނެކަމުގެ ގެރެންޓީ ސޫރިޔާ ސަރުކާރުން ދޭގޮތަށް ހިމެނިފައިވެ އެވެ. ނަމަވެސް މައްސަލައަކީ ސޫރިޔާ ސަރުކާރުން ދޭ މިފަދަ ގެރެންޓީއަކަށް އިދިކޮޅު ހަނގުރާމަވެރިން އިތުބާރު ނުކުރުންކަމަށް ނަންހާމަކުރަން ނޭދޭ ސޫރިޔާގެ އިދިކޮޅު ލީޑަރަކު ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ސޫރިޔާގެ މައްސަލަ ސިޔާސީ ގޮތުން ހައްލުކުރުމަށްޓަކައި ސޫރިޔާ ސަރުކާރާއި އިދިކޮޅު ފަރާތްތައް އެމެރިކާއާއި ރަޝިޔާގެ ބެލުމުގެ ދަށުން ޖެނީވާގައި ސުލްހައިގެ ވާހަކަތައް އަލުން ފެށުން ވެސް މިއެއްބަސްވުމުގެ ދެލިކޮޕީގައި ހިމެނެ އެވެ. ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް ސޫރިޔާ ސަރުކާރާ އަދި އިދިކޮޅު ލީޑަރުން ވެސް ވަނީ އެއްބަސްވެފަ އެވެ.
ހަލަބްގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެރަށުގެ އާންމުންގެ އެތައް ހާސްބަޔަކު މަރުވެފައިވާ އިރު ދިރިތިބި މީހުން ވެސް ވަނީ އިންސާނީ ކާރިސާއެއްގެ ތެރޭގަ އެވެ. އާންމުގޮތެއްގައި ހަލަބްގައި ހާލުގައި ޖެހިފައިވަނީ އިދިކޮޅު ހަނގުރާމަވެރިން ފައިހަރުކޮށްލައިގެން ތިބި ސަރަހައްދުތަކުގެ އާންމުންނެވެ. ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކުގެ ހާލަތު ކޮންވެސް ވަރަކަށް ރަނގަނޅުކަމަށްވެ އެވެ. ސޫރިޔާ ސިފައިން ފާއިތުވި ދެހަފްތާތެރޭގައި ވަނީ (ރަޝިޔާގެ ވައިގެ އެހީތެރިކަމާއެކު) ހަލަބްގައިވާ އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކުގެ ތެރެއިން 70 ސައްތަ ސަރަހައްދުތަކުން ހަނގުރާމަވެރިން ބޭރުކޮށް އަލުން އަނބުރައި އެސަރަހައްދުތައް ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށްގެނަސްފަ އެވެ.
މިކަމުގެ ސަބަބުން އިދިކޮޅު ހަނގުރާމަވެރިން ވަނީ ބަލިވާގޮތްވެފަ އެވެ. ހަލަބް ގައި ފައިހަރުކޮށްލައިގެންތިބި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރި ވަނީ އެމެރިކާގެ އިތުރުން ތުރުކީއާއި ސައޫދީ އަރަބިޔާއާއި ގަތަރެވެ. މިގައުމުތަކުން މަސައްކަތްކުރަނީ އިދިކޮޅު ޖަމާއަތްތައް ލައްވައި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމު ގަދަބާރުން ވައްޓާލުމުގެ މަސައްކަތެވެ. ބައްޝާރުގެ ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރަނީ ރަޝިޔާއާއި އީރާނާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުންނެވެ. (ނޫސްއެޖެންސީތައް)