ހއ. ދިއްދޫގައި މިއަދު ހެނދުނު ކަސްރަތު ކުރަން މޫދަށް އެރި އުޅުނު އަންހެނަކު ގެނބިގެން މަރުވެއްޖެ އެވެ.

މިއަދު ހެނދުނު ގެނބިގެން މަރުވެފައި ވަނީ އެރަށު ބަހާރުގެ، އުމުރުން 55 އަހަރުގެ ނަސީމާ އަބްދުﷲ އެވެ.

ދިއްދޫ ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ހަސަން 'ސަން' އަށް ވިދާޅުވީ، ނަސީމާ ގެނބިގެން ހޮސްޕިޓަލަށް ގެންދިޔައީ 6:45 ހާއިރު ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔަ އިރު ވިންދު ނެތް ކަމަށެވެ.

"ވަރަށް ބޮޑަށް ލޮނު ބޮވިފައި އޮތީ. ވަރަށް މަސައްކަތް ކުރި ޑޮކްޓަރުން. ހޮސްޕިޓަލަށް ގެނައި އިރު ވެސް ވިންދު ނެތް. ޑޮކްޓަރުން ވިދާޅުވަނީ ހިތް ހުއްޓިފައި ކަމަށް އޮތީ ގެނައި އިރު،" ހޮސްޕިޓަލުގެ މެނޭޖަރު ވިދާޅުވި އެވެ.

ނަސީމާ އަކީ ކޮންމެސް ވަރަކަށް ފިޓު ޖެހޭ މީހެއް ކަމަށް ބައެއް މީހުން ބުނި ނަމަވެސް، ހޮސްޕިޓަލުން ބުނީ އެފަދަ މައުލޫމާތެއް ހޮސްޕިޓަލަށް ލިބިފައި ނުވާ ކަމަށެވެ.

ކަސްރަތު ކުރުމަށް ނަސީމާ މޫދަށް ދިޔައީ އިތުރު އަންހެނުން ތަކަކާ ވެސް އެކު އެވެ.