ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީނާއި ތައުލީމާއި ހުނަރު ދިނުމަށްޓަކާ ގުޅީފަޅުގައި ޕޮލިސް އެކަޑަމީއެއް ގާއިމްކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިް އާއި ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގެ ދަށުން ގުޅިފަޅުގައި ޕޮލިސް އެކަޑަމީ ގާއިމްކުރުމަށް 240،000 އަކަފޫޓުގެ ބިމެއް 99 އަހަރަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދޭން ވަނީ އެއްބަސްވެފައެވެ.

ނަމަވެސް އެތަނުގެ އަމަލީ މަސައްކަތް ފަށާނީ ކޮންއިރަކު ކަމެއް އަދި އެތަނަށް ފަންޑުކުރަނީ ކޮންބައެއްކަމެއް ފުލުހުން ހާމައެއްނުކުރެއެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) އަހުމަދު އަރީފެވެ. ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ފަޒީލްއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސީޕީ އަރީފު ވަނީ ރައްޔިތުންނަށް ބޭނުންވާފަދަ ހިދުމަތެއް ދިނުމަށްޓަކާ ފުލުހުންނަށް ބޭނުންވާ ތައުލީމާއި ތަމްރީން ފޯރުކޮށްދިނުމަށްޓަކާ ދަތިތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ގުޅިފަޅުގައި ޕޮލިސް އެކެޑަމީއެއް ގާއިމްކުރެވުމުން ތަމްރީނާއި ހުނަރު ލިބިފައިވާ ގާބިލް އަދި ޕްރޮފެޝަނަލް ބަޔަކު ފުލުހުން ހެދުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.