14 Dec 2016, 13:03
މި މަހުގެ ތިން ވަނަ ދުވަހު ކުޅުނު އިނގިރޭސި ޕްރިމިއާ ލީގުގައި ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިގެން މެންޗެސްޓާ ސިޓީ އާއި ޗެލްސީ ޖޫރިމަނާކޮށްފި އެވެ.
އިނގިރޭސި އެފްއޭ އިން 35،000 ޔޫރޯ އަށް ސިޓީ ޖޫރިމަނާ ކުރި އިރު، ޗެލްސީ ޖޫރިމަނާކޮށްފައި ވަނީ 100،000 ޔޫރޯ އަށެވެ.
އެ ހާދިސާއާ އެކު ޗެލްސީ އަތުން ޕޮއިންޓް އުނިކުރާނެ ކުރިން ބެލެވުނު ނަމަވެސް، އެފްއޭ އިން އެގޮތަށް ނިންމާފައެއް ނުވެ އެވެ. ޗެލްސީ އަތުން ޕޮއިންޓް އުނިކުރާނެ ކަމަށް ބެލެވިފައި ވަނީ ފާއިތުވެދިޔަ 19 މަސް ދުވަސްތެރޭ ހަތަރު ފަހަރަކު އެ ކްލަބަށް އަދަބު ދީފައި ވުމުންނެވެ. ސިޓީ މެޗުގައި ހިނގައިދިޔަ ހާދިސާއާ އެކު މިހާރު އެފްއޭ އިން މިވަނީ އެ ކްލަބަށް ފަސް ވަނަ ފަހަރަށް އަދަބުދީފަ އެވެ.
މިދިޔަ ސީޒަނުގެ ފަހުކޮޅު ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން އެފްއޭ އިން ވަނީ ޗެލްސީ އަށް އިންޒާރު ދީފަ އެވެ. އެ މެޗުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ނުވަ ކުޅުންތެރިޔަކަށް ކާޑު ދައްކާފައިވެ އެވެ.
އެ މެޗަށްފަހު ޗެލްސީ ބޮޑު އަދަދަކުން ޖޫރިމަނާކުރި އިރު އިތުރު މައްސަލައެއް ކުރިމަތިވެއްޖެ ނަމަ، ޕޮއިންޓް އުނިކުރުމުގެ ބިރު އޮވެދާނެ ކަމަށް ބުނެ އެފްއޭ އިން ޗެލްސީ އަށް އިންޒާރުދީފައިވެ އެވެ. އެންމެ ފަހުން ޕްރިމިއާ ލީގުގައި ކްލަބެއް އަތުން ޕޮއިންޓް އުނިކޮށްފައި ވަނީ 1992 ވަނަ އަހަރު އެވެ.
މި މަހުގެ ތިން ވަނަ ދުވަހު ކުޅުނު ލީގު މެޗު ނިމެނިކޮށް މައްސަލަ ބޮޑުވެގެން ދިޔައީ ޗެލްސީގެ ބްރެޒިލް ޑިފެންޑަރު ޑޭވިޑް ލުއިޒް އަށް ސިޓީގެ އާޖެންޓީނާ ފޯވަޑް ކުރި ފައުލާ ގުޅިގެންނެވެ. އެ ފައުލާ ގުޅިގެން ރެފްރީ އެންތޮނީ ޓެއިލާ ވަނީ އަގުއެރޯ އަށް ރަތް ކާޑު ދައްކައި، ދަނޑުން ފޮނުވާލައިފަ އެވެ.
އެ ހާދިސާއަށް ފަހު، ޗެލްސީގެ ނެތަނިއެލް ޗަލޮބާ އަގުއެރޯ ކޮއްޕާލުމުން އިތުރަށް މެޗު ހޫނުވެގެންދިޔަ އެވެ. އެ ހާދިސާއަށްފަހު ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގައިދިޔަ އެވެ. އެ ކުރިމަތިލުންތަކުގެ ތެރެއިން ޗެލްސީގެ ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސްގެ ކަރުގައި ހިފުމުން ސިޓީގެ ފެނާންޑީނިއޯ އަށް ވެސް ރަތް ކާޑެއް ދެއްކި އެވެ.