18 Dec 2016, 17:50
ބިދޭސީން ވިސާ ހަދާއިރު އޭޑީކޭ ހޮސްޕިޓަލުން ހަދާ މެޑިކަލް ރިޕޯޓް އިމިގްރޭޝަނުން ބަލައިގަތުން ހުއްޓާލާފައި އޮތުމަށްފަހު މިއަދުން ފެށިގެން އޭޑީކޭގެ މެޑިކަލް ރިޕޯޓު ބަލައިގަންނަ ގޮތަށް ހަމަޖައްސައިފި އެވެ.
މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން އިމިގްރޭޝަނުން ވަނީ އޭޑީކޭ އާއި އޭއެމްޑީސީން ހަދާ މެޑިކަލް ރިޕޯޓުތައް ބަލައިގަތުން ހުއްޓާލާފަ އެވެ. އިމިގްރޭޝަނުން އެ ދެ ތަނުގެ މެޑިކަލް ރިޕޯޓު ބަލައިގަތުން ހުއްޓާލާފައި ވަނީ އެތަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.
އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސާ ހަސަން ޚަލީލް 'ސަން' އަށް ވިދާޅުވީ، ބިދޭސީންގެ ވިސާ ހަދާއިރު ހުށަހަޅަންޖެހޭ މެޑިކަލް ރިޕޯޓު ހެދުމުގެ ހުއްދަ އޭޑީކޭއަށް މިހާރު ދީފައިވާ ކަމަށެވެ. އަދި އޭޑީކޭއަށް ހުއްދަ ދިނީ އެތަން ރިވިއު ކުރުމަށްފަހު ހުއްދަ ދޭން ފެންނާތީ ކަމަށާއި، ފާހަގަ ކުރެވުނު މައްސަލަތައް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޚަލީލް ވިދާޅުވީ އޭޑީކޭއަށް މިއަދުން ފެށިގެން ހުއްދަ ދިން ކަމުގައި ވިޔަސް އޭއެމްޑީސީއަށް އަދި ހުއްދަ ދީފައި ނުވާ ކަމަށާއި، އެތަން މިހާރު ރިވިއު ކުރަމުންދާ ކަމަށެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެޑިކަލް ރިޕޯޓް އަހަރަކު އެއްފަހަރު އިމިގްރޭޝަން ޑިޕާޓްމަންޓަށް ހުށަހަޅަން ޖެހެ އެވެ. އަދި ރާއްޖެ އަށް ވަޒީފާ އަށް އަންނަ ބިދޭސީން ވެސް މެޑިކަލް ރިޕޯޓު ހަދަން ޖެހެ އެވެ.