16 Dec 2016, 11:11
ތަފާތު ގޮތަކަށް ފަރުމާކޮށްފައިވާ 94 އެޕާޓްމަންޓް ހިމެނޭ ރެސިޑެންޝަލް ކޮމްޕްލެކްސެއް ހުޅުމާލޭގައި ތަރައްގީ ކުރުމުގެ މަޝްރޫއު، އެންސިސް ކުންފުނިން ރޭ އިފްތިތާހުކޮށްފި އެވެ.
ހުޅުމާލޭގެ ވޯޓާ ފްރަންޓް އޭރިއާގައި އިމާރާތް ކުރާ މިކްސް ޔޫސް އެޕާޓްމެންޓް ކޮމްޕްލެކްސް އިމާރާތް ކުރުން އިފްތިތާހުކޮށް ދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. އެ އިމާރާތަށް ދީފައިވާ ނަމަކީ "އައިރާ އެކްސެޕްޝަނަލް ލިވިން" އެވެ.
ރޭ އިފްތިތާހް ކުރި އައިރާ އެޕާޓްމެންޓުތައް އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގައި ހުންނަ އެސްޓީއޯ ސިޓީ ހޮޓާ ކައިރީގަ އެވެ. އެ އެޕާޓްމެންޓް ކޮމްޕްލެކްސްގައި ތިން ކޮޓަރީގެ 45 އެޕާޓްމެންޓާއި، ދެ ކޮޓަރީގެ 26 އެޕާޓްމެންޓް އަދި އެއް ކޮޓަރީގެ 13 އެޕާޓްމެންޓް ހިމެނެ އެވެ. އަދި އޭގެ އިތުރުން 10 ޕެންޓް ހައުސް ވެސް އެ ކޮމްޕްލެކްސްގައި ހިމެނެ އެވެ. ތިން ކޮޓަރި އާއި ދެ ކޮޓަރީގެ އެޕާޓްމެންޓުތަކުގައި މެއިޑް ރޫމް އެއް ހިމެނޭނެ އެވެ.
އެ އެޕާޓްމެންޓު ކޮމްޕްލެކްސްގައި ތަފާތު ގިނަ ހިދުމަތްތަކެއް ހިމެނޭނެ އެވެ. އެގޮތުން ސްވިމިން ޕޫލާއި ކިޑްސް ސްވިމިން ޕޫލް އަދި ޖަކޫޒީ ޕޫލް އާ އެކު، ހެލްތު ކުލަބެއްގެ އިތުރުން ބޭސްމަންޓް ޕާކިން އޭރިއާއެއް ހިމެނުމަށް ހަމަޖެހިފައިވެ އެވެ. އަދި އޭގެ އިތުރުން އެ އިމާރާތުގައި ކޮމާޝަލް ފިހާރަތަކާއި، ފަންކްޝަން ހޯލާއި މީޓިން ރޫމްފަދަ ތަންތަނުގެ ހިދުމަތް ލިބެން ހުންނާނެ އެވެ.
އެ ޕްރޮޖެކްޓު އިފްތިތާހް ކޮށްދެއްވުމަށް ފަހު މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ވިޔަފާރީގެ ރޮނގުން ކުރިއަށް ދިއުމަކީ ސަރުކާރުން ބޮޑު އަހައްމިއްޔަތެއް ދޭ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ހިއްސާ ބޮޑުކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

"އައިރާ އެކްސެޕްޝަނަލް ލިވިން" އިފްތިތާހް ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ޒަމީރު ވިދާޅުވީ ޒުވާނުންނަށް ތަފާތު ފުރުސަތު ހޯދައިދީ ޒުވާނުންނަކީ މުޖުތަމައުގައި ބޭނުންތެރި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތަށް ކުންފުނިތަކުން ވިޔަފާރި ފުޅާ ކުރުމުގެ ސަބަބުން ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ.
"ޒުވާނުންނަށް ތަފާތު ފުރުސަތުތައް ހޯދައިދީ އުޖާލާ ދިރިއުޅުމެއް ގާއިމްކޮށްދީ މުޖުތަމައުގައި ބޭނުންތެރި ބަޔަކަށް ހެދުމަށްޓަކައި ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތެއްދޭ އެއްކަމަކީ ޒުވާނުންނަށް ތަފާތު ފުރުސަތުތައް މެދުވެރިކޮށް ހޯދައިދިނުން. އެގޮތުން އެންސިސް ފަދަ ކުންފުނިތަކުން މިގޮތަށް ވިޔަފާރި ފުޅާ ކުރުމުގެ ސަބަބުން ވަނީ ޒުވާނުންނަށް އެ ފުރުސަތުތައް ލިބޭގޮތް ވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.
އެންސިސް އިން މީގެ ކުރިންވެސް ވަނީ އެޕާޓްމެންޓް ޕްރޮޖެކްޓެއް ހިންގާފަ އެވެ. އެގޮތުން "ސައިމާ ރެސިޑެންސް" ގެ ނަމުގައި 10 އެޕާޓްމެންޓް ހިމެނޭ އެޕާޓްމެންޓު ކޮމްޕްލެކްސްއެއް ތަރައްގީކޮށް ނިންމާފައިވެ އެވެ.