އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން 11 ވަނަ މެޗުން ޗެލްސީ މޮޅުވެ، އެއް ވަނައިގައި ނުވަ ޕޮއިންޓްގެ ލީޑެއް ހޯދައިފި އެވެ.

ރަށުން ބޭރުގައި މިއަދު ޗެލްސީ ނުކުމެފައި ވަނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ. އެ މެޗުން ޗެލްސީ މޮޅުވެފައި ވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ކްރިސްޓަލް ޕެލަސް އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން ޕެލަސްގެ ޖޭމްސް މެކްކާތާ އާއި ޖާސަން ޕަންޗިއޮން އަށް ލިބުނު ފުރުސަތުތައް ފާހަކޮށްލެވެ އެވެ. އެ ދެކުޅުންތެރިން އުފެއްދި ހަމަލާ ޗެލްސީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގައި ޗެލްސީން ޖެހި ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެވެ. ސެސާ އަޒްޕްލިކުއެޓާ ނަގައިދިން ހުރަހަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑިއޭގޯ ކޮސްޓާ އެވެ. އެއީ ލީގުގައި އޭނާ ކާމިޔާބުކުރި 13 ވަނަ ލަނޑެވެ. މި ސީޒަނުގެ ޕްރިމިއާ ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔަކީ ވެސް ކޮސްޓާ އެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ނަތީޖާ ފުޅާކޮށްލުމަށް ޗެލްސީއަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ދެވަނަ ހާފުގައި ޗެލްސީގެ ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، އޭނާއަށް ލިބުނު ފުރުސަތުތައް ވެސް ފާހަގަކޮށްލެވެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޗެލްސީ މޮޅުވީ 1-0 ލަނޑުން --- ފޮޓޯ/ ގެޓީ

އެ ނަތީޖާއާ އެކު ތާވަލުގެ އެއް ވަނައިގައި ޗެލްސީ އޮތީ ކުޅުނު 17 މެޗުން ލިބުނު 43 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލާއި ތިން ވަނައިގައި އޮތް އާސެނަލަށް 16 މެޗުން ލިބިފައި ވަނީ 34 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 16 މެޗުން ލިބިފައި ވަނީ 33 ޕޮއިންޓެވެ. މިރޭ ޗެލްސީ އަތުން ބަލިވި ޕެލަސް އަށް 17 މެޗުން ލިބުނު 15 ޕޮއިންޓާއެކު އޮތީ ތާވަލުގެ 17 ވަނައިގައެވެ.

ލީގުގައި މިއަދު ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު، އަމިއްލަ ދަނޑުގައި ސްވަންސީ އަތުން މިޑްލްސްބަރާ މޮޅުވީ 3-0 ލަނޑުންނެވެ. އެ މެޗުގައި މިޑްލްސްބަރާ އިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްޕެއިން ފޯވަޑް ނެގްރޭޑޯ އެވެ. އަދި އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މާޓިން ޑި ރޫން އެވެ.

ލީގުގައި މިއަދު ލެސްޓާ ސިޓީ އާއި ސްޓޯކް ސިޓީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ސްޓޯކްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ބޯޖާން ކިރްކިކް އާއި ޖޯ އެލެން އެވެ. ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައި، ސްޓޯކް އިން ލީޑު ނެގި ނަމަވެސް، ދެ ވަނަ ހާފުގައި ލެސްޓާ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ލެސްޓާގެ ފުރަތަމަ ލަނޑު ލިއޮނާޑޯ އުލޯއާ ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑެނިއެލް އަމާޓީ އެވެ.

އަމިއްލަ ދަނޑުގައި މިއަދު ވެޓްފޯޑް އަތުން 1-0 ލަނޑުން ސަންޑަލެންޑް ވަނީ މޮޅުވެފައެވެ. އެ މެޗުގައި ސަންޑަލޭންޑުން ކާމިޔާބުކުރި ލަނޑު ޖަހައިދިނީ ޕެޓްރިކް ވޭން އާންހޯލްޓް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓް ފަހުންނެވެ.

ލީގުގައި އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ވެސްޓް ހާމް ޔުނައިޓެޑުން ހަލް ސިޓީގެ މައްޗަށް ކުރި ހޯދީ 1-0 ލަނޑުންނެވެ. ވެސްޓް ހާމް އިން ކާމިޔާބުކުރި ލަނޑު އެ ޓީމަށް ޖަހައިދިނީ މާކް ނޯބަލް އެވެ. އޭނާގެ އެ ލަނޑު ފެނިގެންދިޔައީ މެޗުގެ ދެ ވަނަ ހާފުގެ ތެރޭގައެވެ.