18 Dec 2016, 00:10
ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މަގޫދޫ އެފްޓީ އަތުން ފަސޭހަކަމާއެކު ވެލިދޫ މޮޅުވެއްޖެ އެވެ.
ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށް ގެންދާ އެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު 'ގްރޫޕް އޭ'ގެ މެޗުގައި މަގޫދޫ އަތުން ވެލިދޫ މޮޅުވެފައި ވަނީ 4-0 ލަނޑުންނެވެ.
ވެލިދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި އެ ޓީމުގެ އަހްމަދު އަހުސަން ވަނީ ހެޓްރިކެއް ފުރިހަމަކޮށްފަ އެވެ. އޭނާ ތިން ލަނޑު ވެސް ފެނިގެންދިޔައީ ދެ ވަނަ ހާފުގެ ތެރޭގައެވެ. ވެލިދޫގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ އިސްމާއިލް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ މެޗުގައި ހެޓްރިކެއް ފުރިހަމަކުރި އަހުސަން އެވެ.
'ގްރޫޕް އޭ'ގެ އެއް ވަނައިގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދާފައި ވަނީ އެފްސީ މާފަރެވެ. އެ ޓީމަށް ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ކުޑަފަރީ އެފްސީ އަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ވެލިދުއަށް ފަސް ޕޮއިންޓް ލިބިފައިވާ އިރު، ހަތަރު ވަނައިގައި އޮތް މަގޫދުއަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. އަދި ގްރޫޕްގެ ފުލުގައި އޮތް ލަންދުއަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ.
އެ މުބާރާތުގެ ސެމީގެ ޖާގަތައް ކަށަވަރުކޮށްފައި ވަނީ 'ގްރޫޕް އޭ'ގެ އެއް ވަނަ މާފަރާއި، 'ގްރޫޕް ބީ'ގެ އެއް ވަނަ ހޮޅުދު އެފްސީ އަދި ހަމަ އެ ގްރޫޕްގެ ދެ ވަނަ މިލަދޫ އަދި 'ގްރޫޕް ސީ'ގެ އެއް ވަނަ ކެނދިކުޅުދޫ އެފްސީ އެވެ. ކެނދިކުޅުދުއަށް ސެމީގެ ޖާގައެއް ލިބިފައި ވަނީ ޖެހި ގޯލުން ކުރީގައި އޮތުމުންނެވެ. އެ ގްރޫޕްގައި ކެނދިކުޅުދުއާއި، މާޅެންދުއާއި، މަނަދުއަށް ވެސް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. ގޯލުގެ ތަފާތަށް ބަލާއިރު، ކެނދިކުޅުދުއާއި މާޅެންދޫ ވަނީ އެއްވަރުވެފަ އެވެ. އެގޮތުން ދެން ބަލަން ޖެހުނީ ޖެހި ގޯލަށެވެ.
ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗު އަންނަ ހޯމަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ދެ ވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހު އެވެ. ސެމީގެ ފުރަތަމަ މެޗުގައި ހޮޅުދުއާއި މާފަރު ބައްދަލުކުރާނީ ސެމީގެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ކެނދިކުޅުދުއާއި މިލަދޫ އެވެ.
އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެއެވެ. ފާއިތުވެދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށް ދަނީ ކެނދިކުޅުދޫގައެވެ.
ސިޔާމް-މައުރޫފް ސޮކާ ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.
މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.