18 Dec 2016, 09:12
ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑުގައި ބޭނުންކުރުމަށް ބަނދެފައިވާ ފަސް އިންޓަސެޕްޓަރ ކްރާފްޓުގެ ތެރޭން ތިން އުޅަނދު ރޭ ރާއްޖެ ގެނެސްފިއެވެ.
އިންޓަސެޕްޓަރ ކްރާފްޓުގެ ފަސް އުޅަނދު ބަނުމުގެ އެއްބަސްވުމުގައި ސްރީލަންކާގެ ސޯލާސް މެރިން ލަންކާ ޕްރައިވެޓް ލިމިޓެޑާއި އެމްއެންޑިއެފް އާދެމެދު ސޮއި ކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ.
އެ އެއްބަސްވުމުގެ ދަށުން ބަނދެފައިވާ ފަސް އުޅަނދުގެ ތެރެއިން ދެ އުޅަނދު ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ރާއްޖެ ގެނެސްފައެވެ. ރޭ ގެނައި ތިން އުޅަނދާއި އެކު ޖުމްލަ ފަސް އުޅަނދު މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.
އެ ތިން އުޅަނދު ރޭ ރާއްޖެ ގެނައުމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ކޯސްޓްގާޑުގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހީމާއި ކޯސްޓްގާޑުގެ އިސް އޮފިސަރުން ވަނީ އެ ތިން އުޅަނދަށް ޒިޔާރަތްކުރައްވައި އުޅަނދުތައް ބައްލަވާލައްވާފައެވެ.
އެ އުޅަނދުތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ކަނޑުމަތީގެ ހާއްސަ އޮޕަރޭޝަންތަކާއި ރެސްކިއު އޮޕަރޭޝަންތަކުގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.