އޮޑިދޯނި ފަހަރަށް ޚާއްސަކޮށްގެން އެލައިޑް އިންޝޫރަންސް އިން ފެށުމަށް ހަމަޖެހިފައިވާ ހަލް ކެމްޕޭން "ނިޔާމަ" މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

މިއަދު މޫކައި ސުއިޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު އަހްމަދު ރިޔާޒީ އެވެ.

ޓޯޓަލް ލޮސް ކަވަރޭޖް އިންނަ ހަލް އިންޝުއަރެންސް އަކީ އަންނަ އަހަރުން ފެށިގެން އޮޑި ދޯނިފަހަރުގެ އިންޝުއަރެންސް ލާޒިމްކޮށްފައި ވާތީ އެ އުސޫލަށް ފެތޭގޮތަށް ތައްޔާރު ކޮށްފައިވާ ޕްރޮޑަކްޓެއް ކަމަށް އެލައިޑް އިން މައުލޫމާތު ދެ އެވެ.

އަންނަ ޖެނުއަރީ މަހުން ފެށިގެން އޮޑިދޯނި ފަހަރު އިންޝުއާ ކުރުން ލާޒިމްކޮށްފައިވާ އިރު، އެކްސްކުލޫސިވް އިންޝުއާ އަކަށް ހަމަޖައްސާފައި ވަނީ އެލައިޑެވެ.

'ނިޔާމަ'އާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެކުންފުނީގެ މާކެޓިންގް މެނޭޖަރު ނިއުޝާދު ޝަރީފު ވިދާޅުވީ އެ ޕެކޭޖުން ކަވާކުރާނީ ކަނޑުމަތީގައި ދިމާވީ ހާދިސާއެއްގެ ސަބަބުން އުޅަނދު އެކީގައި ހަލާކުވާ ފަދަ ހާލަތެއް ދިމާވުމުން ކަމަށެވެ.

އެލައިޑްގެ ހަލް ކެމްޕެއިން 'ނިޔާމަ' ލޯންޗު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މާކެޓިންގް މެނޭޖަރު ނިއުޝާދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

"ނިޔާމަ އިން މި ދެނީ ދެ ވައްތަރެއްގެ ޓޯޓަލް ލޮސް ކަވާއެއް. އެކައްޗަކީ މުޅި އޮޑި އެއްކޮށް ހަލާކުވެގެން، ބީވެގެން ދިޔައީމާ އޭގެ ބަދަލު މި ލިބެނީ އޮޑިވެރިޔާ އަށް. އޭގެ މާނަ އަކީ އޮޑި އެއް ގެންގުޅޭ ފަރާތަކަށް އޮޑި ގެއްލޭ ދުވަހު އޮޑި ރިކަވާ ކުރުމުގެ ފުރުސަތު މި ޕެކޭޖުގެ ދަށުން ލިބޭނޭ. ދެވަނަ ކަމަކީ މިސާލަކަށް އޮޑި ފަރަށް އެރީ. އޮޑި ފަރަށް އެރީމަ ފުން ކުރަން މަސައްކަތް މި ކުރަނީ. ފުންކޮށް ނިމޭ އިރު މި އިންނަނީ އޭގެ އަސްލު އަގަށް ވުރެ ވެސް ބޮޑަށް ހަލާކުވެފައި. އެއަށް އަޅުގަނޑު މެން މި ކިޔަނީ ކޮންސްޓްރަކްޓިވް ޓޯޓަލް ލޮސް. އެހިސާބުން ވެސް އަޅުގަނޑުމެން އޭގެ ބަދަލު އެބަ ދެން،" ނިއުޝާދު ވިދާޅުވި އެވެ.

ނިއުޝާދު ވިދާޅުވީ 'ނިޔާމަ' އަކީ ފައިދާ ބޮޑު ޕެކޭޖެއް ކަމަށާއި އޮޑިފަރަށް އެރުމުން، ނިޔާމައިގެ ދަށުން އޮޑި ފުންކުރަންދާ ޚަރަދާއި ބޯޓު ޔާޑަށް ގެންދަން ދާ ޚަރަދު ފަދަތައް ވެސް އެ ޕެކޭޖުގެ ދަށުން ކަވާ ކުރާނެ ކަމަށެވެ.

'ނިޔާމަ'ގެ އަގުތައް ތިން ކެޓަގަރީ އަކަށް ބަހާލާފައިވާ އިރު، ކެޓަގަރީތަކަށް ބަހާލާފައި ވަނީ އޮޑިދޯނި ފަހަރުގެ އުމުރަށް ބެލުމަށް ފަހު އެވެ. ނިއުޝާދު ވިދާޅުވީ 'ނިޔާމަ' އިންޝުއަރެންސްގެ އަގުތައް ކުރިއަށް ވުރެ 30 ޕަސެންޓު ހެޔޮ ވާނެ ކަމަށެވެ. އަދި އެލައިޑްގެ އިތުރުން، އެ ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލް މެދުވެރިކޮށް ވެސް 'ނިޔާމަ' އިންޝުއަރެންސް ނެގޭނެ އެވެ.

"އޭގެ މާނަ އަކީ މިސާލަކަށް މަސް ދޯންޏެއް، ގާތްގަނޑަކަށް ތިން އަހަރު ވެފައިވާ ދޯންޏެއް، މާކެޓް ވެލިއު ގައި އެ ދޯނީގެ އަގަކީ 2.5 މިލިއަން ރުފިޔާ ކަމުގައިވާ ނަމަ، އިންޝުއާ ކުރުމަށް އޮޑިވެރިޔާ އަހަރަކަށް ދައްކަން ޖެހޭނީ 16،250 ރުފިޔާ. އެއީ ނިޔާމަ މަސައްކަތް ކުރާ ގޮތަކީ. އާންމުކޮށް 2.5 މިލިއަންގެ އުޅަނދުތައް މި އުޅެނީ. އެކަމު އެއަށް ވުރެ ބޮޑު ވެސަލްތައް ވެސް ހުންނާނެ. އަހަރަކަށް ޕޭމަންޓް މި އިންނަނީ. މިއީ ނިޔާމަ ޕެކޭޖް މަސައްކަތް ކުރާ ގޮތަކީ،" ނިއުޝާދު ވިދާޅުވި އެވެ.

އެލައިޑް އިން ބުނީ ދާއިރާގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތައް 'ނިޔާމަ' އަށް ހޭލުންތެރި ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެލައިޑްގެ ޓީމުތައް ދަތުރުކޮށް މައުލޫމާތު ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފަރަށް އެރުމުގެ އިތުރުން، ކަނޑުމަތީގައި ދިމާވީ އަލިފާނުގެ ހާދިސާތަކާއި އެހެނިހެން ހާދިސާތަކުން އުޅަނދަށް ލިބޭ ގެއްލުމާއި އުޅަނދު އެކީގައި އަޑިއަށް ގޮސްގެން ދިމާވާ ހާދިސާތަކުގައި އުޅަނދު ނަގަން ދާ ޚަރަދު ވެސް 'ނިޔާމަ' އިން ކަވާކޮށްދޭނެ އެވެ.

"މިސާލަކަށް މި ޕެކޭޖް ނަގާފައި އިން އޮޑި އެއް ފަރަށް އެރީ. އޮޑީގެ އަގަކީ 2.5 މިލިއަން ރުފިޔާ މިސާލަކަށް. އޮޑި ފަރަށް އަރާފަ، އޮޑި ސެލްވޭޖް ކުރެވުނީ، އަޅުގަނޑުމެންނަށް މި ރިކަވާ ކުރެވުނީ، ރިކަވަރީ ކޯސްޓް އެލައިޑުން މި ދެއްކީ. ދައްކާފައި އޮޑީގެ ސާވޭއެއް ކުރި އިރު އޮޑި އެއްކޮށް ހަލާކު ވެއްޖިއްޔާ އަޅުގަނޑުމެން ބަދަލު ދޭގޮތަށް ދެއްތޯ މި އިންނަނީ. އެކަމަކު އޮޑި އެއްކޮށް ހަލާކު ނުވެ، އޭގެ އިންޝުއަޑް ވެލިއު، މިސާލަކަށް އިންޗުއަރޑް ވެލިއު އަކީ 2.5 މިލިއަން ކަމަށް ވަންޏާ، އެއަށް ވުރެ ދަށުން ގެއްލުމެއް ވެފައި އިނަސް، އެޔެއް މި ޕެކެޖް އިން ކަވާއެއް ނުކުރާނެ. އޭރުން ނަންގަވަން ޖެހޭނީ ފުލް ކަވާއެއް. ޕެކޭޖް ގަ އިންނާނީ ޓޯޓަލް ލޮސް. އެއީ އެއްކޮށް ގެއްލިގެން ދިޔައީމާ އޭ ބަދަލު ލިބޭނީ،" ނިއުޝާދު ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗުތަކައި، ޕޯސްޓް އޮފީސްތައް އަދި އެސްޓީއޯ ފާމަސީތައް މެދުވެރިކޮށް ވެސް ހަލް އިންޝުއަރެންސް ނެގޭ ގޮތް ހަދާނެ ކަމަށް ނިއުޝާދު ވިދާޅުވި އެވެ.

ހަލް އިންޝުއަރެންސް އަކީ ކަނޑުމަތީގައި އުޅަނދަށް ދިމާވާ ނުރައްކާތަކުން، އޮޑިވެރިޔާއަށް ކުރިމަތިވާ ގެއްލުންތަކުން ރައްކާތެރިކަން ޔަގީންކޮށްދޭ އިންޝޫރަންސް ޕްލޭނެކެވެ. މި ޕްލޭނުގެ އެހީގައި، އުޅަނދާއި އޭގެ އާލާތްތަކާއި ފަޅުވެރިންގެ އިތުރުން ފަސިންޖަރުންނަށް ވެސް ކަނޑުމަތީގައި ދިމާވެދާނެ ކާރިސާތަކުން ލިބޭ ގެއްލުމުގެ ބަދަލު ލިބޭނެ އެވެ.

އޭގެ ތެރޭގައި ގުދުރަތީ ކާރިސާތަކާއި އެކްސިޑެންޓުތަކުގެ އިތުރުން އުޅަނދަށް މުދާ އަރުވައި ބޭލުމުގައި ދިމާވާ ކަންކަމުގެ ބަދަލު ހިމެނެ އެވެ.