22 Dec 2016, 12:20
"ކާނާގެ ޔަގީންކަން" ޕްރޮގްރާމުގެ ދަށުން ދުޅަހެޔޮ ސިއްހަތެއް މީހުންނަށް ލިބިދުނުމަށް ބޭނުންވާ ތާޒާ ކާނާގެ ބާވަތްތައް ގޭގޭގައި އިންދުމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަ މިނިސްޓްރީ އިން ނުކުމެއްޖެ އެވެ.
އެގްރިކަލްޗަ މިނިސްޓްރީން ހިންގާ ހާއްސަ ޕްރޮގްރާމެއްގެ ދަށުން އެންމެ ފުރަތަމަ ގަސް އިންދާފައި ވަނީ ހއ. އަތޮޅުން ދިއްދޫ އިހަވަންދޫ އަދި ހޯރަފުށީގެ ގެތަކުގަ އެވެ.
ބަނބުކެޔޮ، ދަނޑިއަލުވި އަދި މުރަނގައިގެ އިތުރުން ޖަނބުރޯލު ފަދަ ގަސްތައް އިންދާފައިވާ އިރު ޖުމްލަ 5250 ގަސް ހިމެނޭނެ ކަމަށް އެގްރިކަލްޗަ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ގަސް ހައްދާނެ ގޮތާއި ބެހޭ ގޮތުން ޓްރެއިނިން ޕްރޮގްރާމްތަކެއް ވެސް ވަނީ ބާއްވާފަ އެވެ. އެ ޕްރޮގްރާމުގައި 37 ފަރާތެއް ވަނީ ތަމްރީން ކޮށްފަ އެވެ.
އެގްރިކަލްޗަ މިނިސްޓްރީން ހަދިޔާ ކުރި ގަސްތަކަކީ ދިވެހި މުޑުވައް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހއ. އަތޮޅުގައި ހިންގި ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ// ފިޝަރީޒް މިނިސްޓްރީ
"މިފަދަ ކާނާގެ ބާވަތްތައް ގޯތިތެރެއިން ލިބެން ހުރުމުން މިތަކެތި ބޭނުންކުރާ މިންވަރު އިތުރުވެ ރާއްޖޭ އިން ފާހަގަކުރެވޭ ދުޅަހެޔޮކާނާ ނުލިބުމުގެ (ކާޑުބަލީގެ)ގެ މައްސަލައަށް ހައްލެތް ލިބިގެންދާނެ،" ފިޝަރީޒް އެންޑް އެގްރިކަލްޗަ މިނިސްޓްރީ އިން ބުންޏެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހެދޭ އަދި ޒަމާނުންސުރެ ކެއުމަށް ބޭނުންކުރާ ކާނާގެ ބާވަތްތައް އިތުރުކުރުން ކާނާގެ ދަތިކަމުގެ ޙާލަތެއް ދިމާވެއްޖެ ނަމަ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމި ތިބުމަށް ބޭނުންވާ ކާނާގެ ބާވަތްތައް ފަސޭހަކަމާ އެކު ރަށުންލިބެން ހުރުމަކީ އެ ޕްރޮގްރާމުގެ މަގްސަދު ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ގޭބިސީތަކުގެ ހުސްބިމުގައި ގަސްއިންދުމުގެ ޕްރޮގްރާމުތައް ހިންގުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.