އާޑާ ތުރާން ކާމިޔާބްކޮށްދިން ހެޓްރިކާއެކު 7-0ގެ ނަތީޖާ އަކުން ހާކިއުލަސް ބަލިކޮށް ސްޕެނިޝް ކަޕްގެ ގަދަ 16 އިން ބާސެލޯނާ ޖާގަ ހޯދައިފިއެވެ.

ރޭގެ މެޗު ބޮޑު ތަފާތަކުން ބާސާ ކާމިޔާބުރިނަމަވެސް ހާކިއުލަސްގެ ދަނޑުގައި ކުޅުނު މެޗު ވަނީ 1-1ގެ ނަތީޖާ އަކުން އެއްވަރުވެފައެވެ. ބާސާއަށް ގަދަ 16 އިން ޖާގަ ލިބެނީ ދެ މެޗުގެ އެގްރިގޭޓަށް ބެލުމަށްފަހު 8-1ގެ ނަތީޖާ އަކުން ކުރި ލިބިގެންނެވެ.

ބާސެލޯނާގެ ކޭމްޕޯ ނޯގައި ރޭ ކުޅުނު މެޗުގައި އެޓީމު ނުކުތީ މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލަ އެވެ. ތުރާން ހެޓްރިކް ފުރިހަމަކުރިއިރު އަނެއް ހަތަރު ގޯލު ކާމިޔާބްކޮށްދިނީ ލޫކަސް ޑީނޭ އާއި ރަފީނިއާ އާއި ޕަކޯ އަލްސޭސާގެ އިތުރުން އިވާން ރަކިޓިޗެވެ.

ރޭ ކުޅުނު މެޗުތަކަށް ފަހު ސެވިއްޔާ އާއި އައިބާ އާއި ވެލެންސިއާގެ ޑިޕޯޓިވޯ ލަ ކޮރޫނާ ވަނީ ގަދަ 16 އިން ފުރުސަތު ހޯދައިފަ އެވެ. އެ ޓީމުތަކުގެ އިތުރުން ގަދަ 16ގެ ޖާގަތައް ކަށަވަރުކުރި ޓީމުތަކުގެ ތެރޭގައި ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑް ވެސް ހިމެނެ އެވެ.