22 Dec 2016, 15:50
ރާއްޖެ އެތެރެކުރާ ޕްލާސްޓިކް ކޮތަޅު މަދުކޮށް ދިވެހި މުޖުތަމައުން ކޮތަޅު ނައްތާލަން ޕީއާރު ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ގެޓް އަވޭސްއިން ކެމްޕޭނެއް ފަށައިފި އެވެ.
"ބޭން ދަ ބޭގްސް"ގެ ނަމުގައި ފަށާފައިވާ އެ ކެމްޕޭންގެ ދަށުން ރާއްޖެއަށް ޕްލާސްޓިކް ކޮތަޅު އެތެރެކުރުން މަދު ކުރުމަށް އެކި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާ މޯލްޑިވްސް ގެޓްއަވޭސްއިން ބުންޏެވެ.
ކެމްޕޭނުގެ މަގްސަދަކީ 2020 އަންނަންވާއިރަށް ރާއްޖެއިން ޕްލާސްޓިކް ބޭގް އެއްކޮށް ނައްތާލުން ކަމަށް ވެސް މޯލްޑިވްސް ގެޓްއަވޭސްއިން ވަނީ ބުނެފަ އެވެ.
ޕްލާސްޓިކް ބޭގްގެ ސަބަބުން މިހާރުވެސް ބޮދެތި ގެއްލުންތަކެއް ތިމާވެއްޓަށް ލިބެމުންދާކަން ފާހަގަކޮށް މޯލްޑިވްސް ގެޓްއަވޭސްގެ މެނޭޖިން ޑިރެކްޓަރު އަހުމީމް އަބްދުއް ރައްޒާގު ވިދާޅުވީ ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތައް، ޕްލާސްޓިކް ކޮތަޅު މޫދަށް އުކުމުގެ ސަބަބުން ނެތިގެންދާ ކަމަށެވެ.
މޯލްޑިވްސް ގެޓްއަވޭސް އިން މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ ދެރަށަކުން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލުމަށް ހާއްސަ ކެމްޕޭނެއް ޖައްސާފަ އެވެ. އެގޮތުން އއ. ބޮޑުފުޅަދޫ އަދި ވ. ކެޔޮދޫގައި މިހާރު އެއްވެސް ގޮތަކަށް ޕްލާސްޓިކް ކޮތަޅު ބޭނުމެއް ނުކުރެ އެވެ.
ވޭތުވެދިޔަ 2015 ވަނަ އަހަރު ރާއްޖެއަށް 66 މިލިއަން ޕްލާސްޓިކް ކޮތަޅު އެތެރެކުރިކަން ކަސްޓަމްސް ސާވިސްއިން ވަނީ ފާހަގަކޮށްފަ އެވެ. އޭގެތެރެއިން ގިނަ ކޮތަޅަކީ މޫދަށް އުކާލާ ކޮތަޅެެވެ.