ސްޕެއިން ޗެމްޕިއަން ބާސެލޯނާއާއެކު އާޖެންޓީނާ ތަރި ލިއޮނެލް މެސީ ހަދާފައިވާ އެއްބަސްވުން ވަރަށް އަވަހަށް އާކުރާނެ ކަމަށް އެ ކްލަބު ބްރެޒިލް ތަރި ނޭމާ ބުނެފި އެވެ.

އުމުރުން 29 އަހަރުގެ މެސީ، ބާސާއާއެކު ހަދާފައިވާ އެއްބަސްވުން 2018 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާކުރާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ބާސާ އިން މެސީގެ އެއްބަސްވުން އާކުރުމާބެހޭ ގޮތުން އޭނާއާ ވާހަކަދައްކާކަން ކަށަވަރުކޮށްފައި ނުވި ނަމަވެސް، ނޭމާ ބުނާގޮތުގައި އެއްބަސްވުމުގެ ކަންތައް ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށެވެ.

"އަހަރެންގެ އުންމީދަކީ ބާސެލޯނާގައި މެސީ މަޑުކުރާނެ ކަމަށް. ވަރަށް އަވަހަށް އޭނާ ކްލަބާއެކު އެއްބަސްވުމުގައި ސޮއިކުރާނެ،" ނޫސްވެރިންނަށް މައުލޫމާތުދެމުން ނޭމާ ބުންޏެވެ.

ބާސާ މިވަގުތު އޮތީ ވާދަވެރި ރެއާލް މެޑްރިޑްގެ ފަހަތުން ސްޕެނިޝް ލަލީގާގެ ދެ ވަނައިގައެވެ. ރެއާލަށް ފައިދާ އެއް މެޗު އޮތްް އިރު، ދެ ޓީމުގެ ދެމެދުގައި އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ.