ށ. ޅައިމަގުގައި އަންހެނެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި 23 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަން 'ސަން' އަށް ވިދާޅުވީ ކެމިކަލް ޖެހި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަަށާއި، އެމީހާ ހައްޔަރުކޮށްފައި ވަނީ އެ ރަށުން ކަމަށެވެ.

އޭނާ ވިދާޅުވީ، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު ފުލުހުން ބަލަމުންދާ ކަމަށެވެ. ޖަހާފައި ވަނީ ކޮން ކަހަލަ ކެމިކަލެއް ކަމެއް އޮފިޝަލު ހާމައެއް ނުކުރެ އެވެ.

މިއަދު ފަތިހު ހިނގި އެ ހާދިސާގައި ކެމިކަލް ޖަހާފައި ވަނީ ޅައިމަގު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ހަލީމާ އާދަމްގެ މޫނަށެވެ.

އެ އަންހެން މީހާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ވޯޑުގައި ފަރުވާ ދެމުންދާ އިރު، އެ ހޮސްޕިޓަލުގެ އޮފިޝަލަކު ސަން މިއަދު ވިދާޅުވީ ހަލީމާގެ ލޮލަށް ކެމިކަލްގެ އަސަރުކޮށްފައިވާ ކަމަށާއި ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށެވެ.