24 Dec 2016, 19:36
އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ކިރުގިސްތާން އަތުން ބަލިވެ ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖޭގެ ގައުމީ ވޯލީ ބޯޅަ ޓީމަށް ގެއްލިއްޖެ އެވެ.
ފަސް ޓީމު ވާދަކުރާ އެ މުބާރާތުގެ ފައިނަލަށް ދަތުރު ކުރާނީ އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެވެ. އެ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ނެޕާލް އަތުން ވަނީ 3-1 ސެޓުން ބަލިވެފަ އެވެ. ރާއްޖެއަށް ކުރިއަށް ތިން މެޗުން މޮޅުވި ނަމަވެސް ފައިނަލްގެ ޖާގައެއް ނުލިބޭނެ އެވެ. ސަބަބަކީ ބަންގާޅާއި ކިރުގިސްތާން އެ ދެ ޓީމް ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބްކޮށްފައިިވުމެވެ.
ބަންގާޅުގައި ކުރިއަށްދާ އެ މުބާރާތުގައި ރާއްޖެ ބަލިވީ ކިރުގިސްތާނު އަތުން ސީދާ ތިން ސެޓުންނެވެ. ނިކަމެތި ސްކޮޑަކާ އެކު ނިކުތް ކިރުގިސްތާނުން މުޅި މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކައި ލީޑުގައި ކުޅެފައެވެ.
ފުރަތަމަ ސެޓް ފޯރި ގަދަ ކުޅުމަކަށްފަހު 25-27 އިން ކިރުގިސްތާނު ގެންދިޔައިރު ދެވަނަ ސެޓް ދެވެނަ ސެޓް ގެންދިޔައީ 22-25 އިންނެވެ. އަދި ފަހު ސެޓް ކިރުގިސްތާނުން ވަނީ ފަސޭހަ ކަމާ އެކު 18-25 އިން ގެންގޮސްފައެވެ.
މިދިޔަ އަހަރު ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގެ ދެވަނަ ހޯދި ރާއްޖަށް މިއަހަރުގެ މުބާރާތުގެ ފައިނަލުން ފުރުސަތު ގެއްލިފައިވާއިރު މިއަދުގެ މެޗުގައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް(ލޯންގޭ)އަށް ކޯޗު ފުރުސަތު ދީފައެއް ނުވެއެވެ.
މުބާރާތުގައި ރާއްޖެ ކުޅެ ތިން ވަނަ މެޗުގައި މާދަމާ އަފްގާނިސްތާނާ ދެކޮޅަށް ނުކުންނާނީ ރާއްޖޭ ގަޑިން މެންދުރު 1 ޖަހާއިރުއެވެ.