ފުލުހުންގެ ޗެކް ޕޮއިންޓަކަށް މަޑު ކުރަން އެންގި ސައިކަލެއް، ފިލަން މަސައްކަތް ކުރަން އުޅެނިކޮށް ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހި ފުލުސް މީހާއަށް އަނިޔާތަކެއް ވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މާލޭ ދެކުނު ހުޅަނގު ފަރާތު ބޮޑުތަކުރުފާނު މަގުގެ ތާރު އެޅި ސަރަހައްދުގައި ކަމަށެވެ.

ފުލުސް މީހާގެ ގައިގައި ޖައްސައި ފިލި މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 10:30 އެހާކަންހާއިރު އެ ހާދިސާގައި އަނިޔާވި ފުލުސް އައިޖީއެމްއެޗަށް ގެންނެސް ފަރުވާދެމުންދާ ކަމަށާއި އޭނާގެ އަނައަތު ފައިގެ ކަށިގަނޑެއްގައި ރެނދުލާފައިވާ ކަމަށެވެ.

"ސާޖަރީއަކަށް ދާންޖެހޭ ކަމަށް ވަނީ. ކަނައަތު ފައިގެ ކަށިގަނޑުގައި ފްރެކްޗާއެއް އިން ކަމަށް ޑޮކްޓަރުން މައުލުމާތު ދެއްވަނީ،" އައިޖީއެމްއެޗްގެ އޮފިޝަލް ވިދާޅުވި އެވެ.