25 Dec 2016, 13:38
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓް ފަސްކޮށްފި އެވެ.
މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓް މި މަހުގެ 29 ވަނަ ދުވަހު ކުރިން ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް، ސަބަބުތަކަކާ ހުރެ މިހާރު އެވޯޑް ނައިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.
މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމްގެ ފައުންޑާ ޝިމާޒް އަލީ ވިދާޅުވީ، އެވޯޑް ނައިޓް ފަސްކޮށްފައި ވަނީ ބާއްވާނެ ތަން އެ ދުވަހަށް ލިބެން ނެތުމުން ކަމަށެވެ.
މުޅިން އަލަށް ތައާރަފްކުރި މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ހަތަރު އެވޯޑެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އެއީ އެންމެ މޮޅު ކުޅުންތެރިޔާ އާއި، އެންމެ މޮޅު ކޯޗާއި، އެންމެ އުންމީދީ ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ އެވޯޑެވެ.
އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކްލަބުގެ އަލީ ފާސިރު (ސެންޓޭ) އާއި، މާޒިޔާ ސްޕޯޓްސް ކްލަބުގެ އަސަދުﷲ އަބްދުﷲ (އަސައްކޮ) އަދި ކްލަބު އީގަލްސްގެ އިމްރާން ނަޝީދެވެ.
އެންމެ މޮޅު ކޯޗުގެ އެވޯޑަށް ވާދަކުރާ ތިން ކޯޗުންނަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު އަލީ ސުޒޭން އާއި، ކްލަބު އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) އަދި ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.