26 Dec 2016, 12:41
އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ސްކޫލުތަކުގައި އެނާޖީ ޑުރިންކްސް ބޭނުން ކުރުން މަނާކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ނެރެފައިވާ ސާކިއުލާއެއްގައިބުނެފައި ވަނީ ރައީސް އޮފީހުގެ އެންގުމުގެ މަތިން އަންނަ އަހަރުން ފެށިގެން ސްކޫލުތަކުގައި އެނާޖީ ޑުރިންކްސް ވިއްކުމާއި ބުއިން މަނާކޮށްފައިވާ ކަމަށެވެ. އަދި ސުކޫލަށް އެފަދަ ބުއިމެއް އެތެރެކުރުން ވެސް މަނަ އެވެ.
ސްކޫލްތަކުގެ އެއްވެސް ހަރަކާތެއްގައި އެނާޖީ ޑުރިންކްސް އިސްތިހާރުވާފަދަ އެއްވެސް އެއްޗެއް ބެހެއްޓުން ވެސް ވަނީ މަނާކޮށްފަ އެވެ.
ކުދިންގެ ސިއްހަތަށް ބޮޑު ގެއްލުމެއްލިބޭ އެނާޖީ ޑުރިންކުގެ ބުރޭންޑްތަކުން މީގެ ކުރިން ވަނީ ކުދިންގެ އެކިއެކި ހަރަކާތްތަކާއި އެޑިއުކޭޝަން މިނިސްޓްރީގެ އިވެންޓުތައް ވެސް ސުޕޮންސާކޮށް އިސްތިހާރުކޮށްފަ އެވެ. އެތައް ބަޔަކު އެކަމުގެ ކަންބޮޑުވުން އޭރު ފާޅުވެސް ކުރި އެވެ.
ސްކޫލުގެތަކުގެ އިތުރުން މާލޭގެ އެއްވެސް އާންމު ސަރަހައްދެއްގައި ވެސް އެނާޖީ ޑުރިންކް އިސްތިހާރު ކުރުން ހައުސިން މިނިސްޓްރީން ވަނީ މަނާކޮށްފަ އެވެ.