26 Dec 2016, 20:06
އައްޑޫ ސިޓީގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގައި ފުލުހުން ހިންގަމުންދާ އެ އޮޕަރޭޝަނުގައި ތުހުމަތު ކުރެވޭ މީހުން ބަލައި ފާސްކުރުމުގެ އިތުރުން އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކާއި ފަޅުގޯތިތައް ބަލައި ފާސްކުރަމުން ދާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 16 އަހަރާއި 53 އަހަރާއި ދެމެދުގެ ފިރިހެނުން ކަމަށެވެ.
އެ އޮޕަރޭޝަނުގައި އެކި ތަންތަން ބަލައި ފާސްކުރުމުގައި، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ފެނިފައިވާ ކަމަށާއި، އަދި ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެހި ހުރި 30 ލީޓަރުގެ ހަމަކާއި، 20 ލީޓަރުގެ ދެ ހަމުގެ އިތުރުން 1.5 ލީޓަރުގެ ދެ ފުޅިއާއި، ދެފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ބަނގުރަލުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ހަތް ރަބަރު ޕެކެޓާއި ބިއްލޫރި ފުޅިވެސް އެ އޮޕަރޭޝަނުގައި ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އައްޑޫގައި މަސްތުވާތަކެއްޗާ ދެކޮޅަށް އޮޕަރޭޝަނެއް ކުރިއަށް ގެންދާއިރު، މިދިޔަ ބުރާސްފަތި ދުވަހު ފުލުުހުން ވަނީ މާލެއާއި، މާލެ އަތޮޅުގެ އެހެނިހެން ރަށްތަކަށް އަމާޒުކޮށްގެން ފާރަގެމަ އާއެކު ބޮޑު އޮޕަރޭޝަނެއް ފަށާފަ އެވެ.