27 Dec 2016, 18:21
އިންޑިއާގައި ޖަވާހިރުގެ ވިޔަފާރި ކުރާ މަހޭޝް ސަވާނީ އަކީ ތަފާތު މީހެކެވެ. އުމުރުން 48 އަހަރުގެ މަހޭޝް އަކީ 700 އަށް ވުރެ ގިނަ އަންހެނުން ކުދިން އެ ކުދިންގެ ބައްޕަ ކަމުގައި ގަބޫލު ކުރާ މީހެކެވެ. އެއީ އެ ކުދިންގެ ބައްޕައިން އަދާކޮށްދޭން ޖެހޭ ޒިންމާއެއް މަހޭޝް އަދާކޮށްދޭތީ އެވެ.
މަހޭޝް އަކީ ބޮޑު ވިޔަފާރިވެރިއެއްގެ އިތުރުން، އިންޑިއާގެ ގުޖްރާތުގެ ބައެއް ސްޓޭޓްތަކުގައި ދިރިއުޅޭ ޔަތީމު އަންހެން ކުދިންގެ ކައިވެނިކޮށް ދޭ މީހެކެވެ. 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މަހޭޝް އަންނަނީ ގުޖުރާތުގައި އެއްފަހަރާ އެތައް އަންހެން ކުދިންގެ ކައިވެނިކޮށްދެމުންނެވެ.
އެ ކުދިންގެ ކައިވެނީގެ މުޅި ހަފްލާ ތައްޔާރު ކުރަނީ މަހޭޝްގެ ހަރަދުގަ އެވެ. އަދި އެކުދިން ކައިވެންޏަށް ތައްޔާރު ކޮށްދީ، ކައިވެނި ހެދުމާއި ގަހަނާ ވެސް ހޯދައިދެނީ މަހޭޝް އެވެ.
އޭގެ އިތުރުން ކައިވެނީގެ ހަދިޔާގެ ގޮތުގައި ކޮންމެ ކުއްޖަކަށް އެތައް ހާސް ޑޮލަރާއި އެހެނިހެން ތަކެތިވެސް އޭނާ ދޭކަމަށް ވެ އެވެ.
ޔަތީމު އަންހެން ކުދިންގެ ކައިވެނީގެ ކަންކަމާ މަހޭޝް ހަވާލުވީ 2011 ވަނަ އަހަރު އޭނާގެ މުވައްޒަފަކު، އެމީހާގެ އަންހެން ދަރިފުޅުގެ ކައިވެންޏަށް ތައްޔާރުވަމުން ދަނިކޮށް މަރުވުމާ ގުޅިގެންނެވެ.
މުކޭޝް ބުނީ ބައްޕަ ނެތް ޔަތީމު ކުދިންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ އޭނާ އަށް ދެއްވާފައިވާ ނިއުމަތެއް ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު ވެސް މަހޭޝް މިވަނީ 236 ޔަތީމު އަންހެން ކުދިންގެ ކައިވެނި ކޮށްދީފަ އެވެ.
އެއާއެކު އޭނާ ކައިވެނިކޮށްދިން ކުދިންގެ އަދަދު ވަނީ 700 އަށް ވުރެ މައްޗަށް އަރައިފަ އެވެ.
"އާދީއްތަ ދުވަހު ބޭއްވި ބޮޑު ކައިވެނި ހަފްލާއަށް ފަހު، އަހަރެންނަކީ 700 އަށް ވުރެ ގިނަ އަންހެން ކުދިންގެ ކައިވެނި ކޮށްދީފައިވާ ފަހުރުވެރި ބައްޕަ އެއް،" މަހޭޝް ބުނެފައިވެ އެވެ.
އޭނާ ވަނީ އާދީއްތަ ދުވަހު ކައިވެނި ކޮށްދިން 236 ކުދިންގެ ތެރެއިން ކޮންމެ ކުއްޖަކަށް 500،000 ރުޕީޒް އާއި ރަނާއި ގަހަނާ ދީފަ އެވެ.
މިދިޔަ އަހަރު މަހޭޝް ވަނީ 151 ކުދިންގެ ކައިވެނި ކޮށްދީފަ އެވެ. އަދި 2014 ވަނަ އަހަރު ވަނީ 111 ކުދިންގެ ކައިވެނި ކޮށްދީފަ އެވެ.
ޔަތީމު ކުދިންގެ އިތުރުން އާދީއްތަ ދުވަހު އޭނާގެ ފިރިހެން ދަރިފުޅާއި، ދެބެންގެ ދެދަރި ކުއްޖަކު ވެސް ވަނީ ހަމަ އެ ހަފްލާގައި ކައިވެނި ކޮށްފަ އެވެ. އެއާއެކު އާދީއްތަ ދުވަހު ކައިވެނި ކުރި ޖޯޑުތަކުގެ އަދަދު ވަނީ 238 ށް އަރައިފަ އެވެ.