27 Dec 2016, 19:53
ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފައިނަލުގައި ކެނދިކުޅުދޫ ބަލިކޮށް، ވިދިވިދިގެން ދެ ވަނަ ފަހަރަށް ހޮޅުދޫން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އެ މުބާރާތުގެ ޗެމްޕިއަންކަން ހޮޅުދޫ އެފްސީން ހޯދީ މިއަދު ހަވީރު ކުޅުނު މެޗުގައި 1-0 ލަނޑުން އަމިއްލަ ރަށުގައި ކުޅެމުންދިޔަ ކެނދިކުޅުދޫ ބަލިކުރުމަށްފަހު އެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފައިނަލްގައި ކެނދިކުޅުދުއާއި ހޮޅުދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޮޅުވެ ޗެމްޕިއަންކަން ހޯދީ ހޮޅުދޫން --- ސަން ފޮޓޯ/ އާތިފް
މުބާރާތުގެ ފައިނަލް މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް އާއި އޭނާގެ އަންހެނުން ސްޕެއިންގެ މަޝްހޫރު މޮޑެލް ވެނެސާ ލޮރެންޒޯ ބައިވެރިވި އެވެ. އޭގެ އިތުރުން މުބާރާތުގެ ދެ ބާނީން ކަމަށްވާ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާއި، ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމާއި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ސަން ސިޔާމް ގްރޫޕްގެ އައިޝަތު ރަފިއްޔާ ބައިވެރިވެވަޑައިގެންނެވި އެވެ.
ފައިނަލް މެޗުގައި ބައިވެރިވުމަށް ޕުޔޯލް ކެނދިކުޅުދުއަށް އައިސްފައި ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ. ޕުޔޯލް އާއި އޭނާގެ އަންހެނުން ކެނދިކުޅުދުއަށް އައުމާއެކު މަރުހަބާ ކިޔުމުގެ ގޮތުން ދިވެހިންގެ ސަގާފަތް ދައްކުވައި ދޭ ހަރަކާތްތަކާއި ތަކެތި ދައްކާލައިފަ އެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ހާއްސަ މެހެމާން ޕުޔޯލް އަށް ކެނދިކުޅުދޫން މަރުހަބާ މަރުހަބާ ކިޔުން --- ސަން ފޮޓޯ
މިއަދު ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ކެނދިކުޅުދޫގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އިރު، އެ ޓީމުން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކުރި އެވެ. އެގޮތުން ކެނދިކުޅުދޫގެ މުހައްމަދު އައްޒާމާއި، މުހައްމަދު ފިރުޝާން އަށް ލިބުނު ދެ ފުރުސަތު ފާހަގަކޮށްލެވެ އެވެ.
ފުރަތަމަ ހާފުގައި ކެނދިކުޅުދޫން ރަނގަޅަށް ކުޅެމުން ދަނިކޮށް، ހޮޅުދޫން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. މެޗުގެ 35 ވަނަ މިނެޓުގައި ހޮޅުދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ހުނަރުވެރި ފޯވަޑް މުހައްމަދު ޒަމީރު އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކެނދިކުޅުދޫގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގެ އެއް ބާނީ ކަމަށްވާ މައުރޫފް އަށް ޕުޔޯލް ސޮއިކޮށްފައިވާ ބޯޅައެއް ހަދިޔާކުރަނީ --- ސަން ފޮޓޯ/ އާތިފް
މެޗުގެ ދެ ވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ވަނަ ހާފުގައި ހޮޅުދޫން ލީޑު ފުޅާކުރުމަށް މަސައްކަތް ކުރި އިރު، ކެނދިކުޅުދޫން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްތަކެއް ކޮށްފަ އެވެ.
މެޗުގެ ހާފް ޓައިމްގައި މުބާރާތުގައި ބައިވެރިވި 13 ޓީމަށް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފަ އެވެ. ހަނދާނީ ފިލައެއްގެ ގޮތުގައި ޓީމުތަކަށް ހަވާލުކުރީ ޕުޔޯލް ސޮއިކޮށްފައިވާ ބޯޅައެކެވެ. އެ ބޯޅަތައް ޓީމުތަކާ ހަވާލުކޮށްދިނީ ވެސް ޕުޔޯލް އެވެ.

ޕުޔޯލް ސޮއިކޮށްފައިވާ ބޯޅައަކާ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް ހަވާލުވެވަޑައިގަންނަވަނީ --- ސަން ފޮޓޯ/ އާތިފް
ފައިނަލް މެޗުގައި ބައިވެރިވެވަޑައިގެންނެވި މެހެމާނުންނަށް ވެސް ޕުޔޯލް ސޮއިކޮށްފައިވާ ބޯޅައެއް ހަވާލުކުރި އެވެ. ޕުޔޯލް ސޮއިކޮށްފައިވާ ބޯޅަތަކާ ހަވާލުވެވަޑައިގެންނެވީ ސިޔާމް-މައުރޫފް ކަޕްގެ އެއް ބާނީ ކަމަށްވާ މައުރޫފް އާއި، ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އަދި އެފްއޭއެމްގެ ރައީސް ބައްސާމް އެވެ.
މެޗުގެ ހާފް ޓައިމްގައި ޕުޔޯލްއާ އެކު ސިޔާމާއި، މައުރޫފާއި، އިރުތިޝާމް އަދި ބައްސާމް ވަނީ ފުޓްބޯޅަ ކުޅުއްވުމުގައި ވަގުތުކޮޅެއް ހޭދަކުރައްވައިފަ އެވެ. އޭގެ އިތުރުން ހާފް ޓައިމްގައި ޕުޔޯލް ވަނީ ސަޕޯޓަރުންނާ ވެސް ބައްދަލުކޮށްފަ އެވެ.

ސަޕޯޓަރަކާއެކު ޕުޔޯލް ފޮޓޯއަކަށް ހުއްޓިލައިގެން --- ސަން ފޮޓޯ/ އާތިފް
ފައިނަލް މެޗުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަނަވަނައަށް ހޮވުނު ޓީމުތަކަށް އިނާމު ދެއްވީ ޕުޔޯލް އާއި، ސިޔާމް އާއި، މައުރޫފް އާއި، ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާއި، އެފްއޭއެމްގެ ރައީސް ބައްސާމް އާއި، މުބާރާތުގެ ބާނީ ސިޔާމްގެ ބައްޕާފުޅު މުހައްމަދު ގާސިމް އާއި ސަން ފުޓްބޯލް ކްލަބުގެ މެނޭޖަރު އައިޝަތު ރަފިއްޔާ އާއި ނ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝަރީފް އާއި އެސްޓީއޯގެ ޗެއާމަން ހުސައިން ސާލިމް އަދި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުހުސިން ހަމީދު (ޖޭފޯ) ބައިވެރިވެވަޑައިގެންނެވި އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމު ހޮޅުދުއަށް ތަށްޓާއި މެޑެލްގެ އިތުރުން ފައިސާގެ އިނާމެއްގެ ގޮތުގައި 150،000 ރުފިޔާ ހަވާލުކުރި އިރު، ރަނަރަޕް ޓީމު ކެނދިކުޅުދުއަށް މެޑެއްޔާއި ފައިސާގެ އިނާމެއްގެ ގޮތުގައި 100،000 ރުފިޔާ ހަވާލުކޮށްފަ އެވެ. މުބާރާތުގައި އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމު ނ. މަނަދުއަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން އިރު، ފެއާޕްލޭ ޓީމަކަށް ހޮވުނު އެފްސީ މާފަރަށް ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައި ވަނީ 25،000 ރުފިޔާ އެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ހާއްސަ މެހެމާން ޕުޔޯލް އަށް ކެނދިކުޅުދޫން މަރުހަބާ ކިޔުން --- ސަން ފޮޓޯ
މުބާރާތުގެ އެންމެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮޅުދޫގެ މުހައްމަދު ޒަމީރު ހޮވުނު އިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އޭނާ އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ކެނދިކުޅުދޫގެ މުހައްމަދު އިޝާން ހޮވުނު އިރު، 21 އަހަރުން ދަށުގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ހިމެނެނީ ހޮޅުދޫގެ ރިޝްވާން މުހައްމަދު ރަޝީދާއި، މާފަރުގެ އަފްރާހު މުހައްމަދު އަދި ކެނދިކުޅުދޫގެ އަހްމަދު ޝަބާއިލް އެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮޅުދޫގެ ކޯޗު އަހްމަދު ފާރިޝް ހޮވުނު އިރު، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ހޮޅުދޫގެ މުހައްމަދު ޒަމީރު އާއި، އެ ޓީމުގެ މުހައްމަދު ރިޔާޒް އާއި، ކެނދިކުޅުދޫގެ މުހައްމަދު އަރީހު އާއި، އެ ޓީމުގެ މުހައްމަދު އައްޒާމް އަދި މިލަދޫގެ މުހައްމަދު މައުރޫފެވެ.
މިއީ ސިޔާމް-މައުރޫފް ސޮކާ ކަޕް ބާއްވާ ތިން ވަނަ އަހަރެވެ. ފާއިތުވެދިޔަ ދެ އަހަރު ނ. ކުޑަފަރީގައި މުބާރާތް ބޭއްވި ނަމަވެސް، މި އަހަރުގެ މުބާރާތް ބާއްވާފައި ވަނީ ކެނދިކުޅުދޫގައެވެ.