ބުއެނޮސް އައިރިސް (ޑިސެމްބަރު 28): އާޖެންޓީނާގެ ކުރީގެ ރައީސް ކްރިސްޓީނާ ފެނާންޑޭޒް ޑި ކީރްޗްނާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށްފި އެވެ.

ފެނާންޑޭޒްގެ ވެރިކަމުގައި ސަރުކާރުގެ ކޮންޓްރެކްޓުތައް އޭނާގެ އާއިލާއާ ގުޅުން ހުރި ވިޔަފާރިވެރިއެއް ކަމަށްވާ ލަޒާރޯ ބައެޒްއަށް ދިނުމުގެ ތުހުމަތުގައި އާޖެންޓީނާގެ ކޯޓަކުން ވަނީ ސަރުކާރުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ދައުވާ ފެނާންޑޭޒްގެ މައްޗަށް ކޮށްފަ އެވެ.

އެދައުވާގެ އިތުރުން ކޯޓުން ވަނީ ފެނާންޑޭޒްގެ 633 މިލިއަން ޑޮލަރުގެ މުދާ ފްރީޒް ކުރަން ވެސް އަންގާފަ އެވެ.

ނަމަވެސް ފެނާންޑޭޒް ވަނީ އެ ތުހުމަތުތަކަށް އިންކާރުކުރައްވައި، އެއީ މައުރީސިއޯ މަސްރީގެ ސަރުކާރުން އެކަމަނާ ބަދުނާމުކުރަން ރާވަމުންދާ ކަންތައްތަކެއް ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.

އަދި އެ މައްސަލައިގައި އޮކްޓޯބަރު މަހު ފެނާންޑޭޒް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ގައުމީ ބަޖެޓު އެގައުމުގެ ގާނޫނު ހަދާ މަޖިލީހާއި އޮޑިޓާ ޖެނެރަލް ފާސް ކުރެއްވިކަން ދެއްކުމުގެ ގޮތުން ލިޔެކިޔުންތައް ހުށަހަޅާފަ އެވެ.

ފެނާންޑޭޒްގެ އިތުރުން އޭނާގެ އަރިސް ފަރާތްތައް ކަމަށްވާ އާޖެންޓީނާގެ ކުރީގެ ޕްލޭނިން މިނިސްޓަރު ހޫލިއޯ ޑި ވީޑޯ އާއި ކުރީގެ ޕަބްލިކް ވޯކްސް ސެކްރެޓަރީ ހޯޒޭ ލޯޕޭޒް އާއި ވިޔަފާރިވެރިޔާ ލަޒާރޯ ބައެޒްގެ މައްޗަށް ވެސް ކޯޓުން ވަނީ ކޮރަޕްޝަނުގެ ދައުވާކޮށްފަ އެވެ.

ފެނާންޑޭޒްގެ ވެރިކަމުގެ ދެ ދައުރުގައި ބައެޒްގެ ކޮންސްޓްރަކްޝަން ކުންފުންޏަށް ސަރުކާރުގެ 50 ކޮންޓްރެކްޓު ދީފައިވާ ކަމަށް އެގައުމުގެ ނޫހަކުން ބުނެ އެވެ. (ބީބީސީ)